މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %17.5 އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މި ދެ ބާވަތުގެ ފީ އާއި ޓެކުހުން ޖުމްލަ 2.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ނިމިދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.8 ބިލިޔަން ރުފިޔާއެވެ.
ވަކިވަކި ދާއިރާތަކަށް ބަލާލާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަހު 1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 907 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ. ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް 1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 913 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %18 އިތުރު އަދަދެކެވެ.
ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ.
މި ފީތަކާއި ޓެކުހުން އިސްތިސްނާވާ ފަރާތްތަކެއްވެސް ހިމެނެއެވެ. އެގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން ދެ އަހަރު ނުފުރޭ ކުޑަކުދިންގެ އަތުން ޑިޕާޗަރ ޓެކްސް ނުނަގައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިންވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ވަނީ އިސްތިސްނާކުރެވިފައެވެ.
މި އާމްދަނީ އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާކަމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަސިންޖަރުންގެ އަދަދު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

