ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. އިތިޔޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، އިތިޔޯޕިއާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލި 6 ވަނަ ޤައުމު ކަމަށެވެ. މީގެ ކުރިން ރާއްޖެއިން މިފަދަ އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާ އެކުގައެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އެއަރލައިންތަކުގެ މެދުގައި ސީދާ ޝެޑިއުލް ދަތުރުތައް ފެށުމުގެ މަގުފަހިވެގެންދާނެއެވެ. ޚާއްޞަކޮށް، އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ "އިތިޔޯޕިއަން އެއަރލައިންސް" އިން އެ ޤައުމުގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި މި އެއްބަސްވުން ވެގެންދާނީ ވަރަށް މުހިންމު ފިޔަވަޅަކަށެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއެކު އިޤުތިޞާދީ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް،

މިނިސްޓަރ

މީގެ އިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން، ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޤައުމީ އެއަރލައިން "މޯލްޑިވިއަން" އަށްވެސް އިތިޔޯޕިއާއަށް ދަތުރުތައް ކުރުމުގެ ފުރުޞަތު ހުޅުވި، ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *