މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކައަށްވުރެ އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓުގެ ގޮތުގައި ޗައިނާ ދަމަހައްޓަމުން އައި ރެކޯޑު އިތުރަށް ވަރުގަދަކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ޗައިނާއިން ވަނީ 201،739 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރު ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 17.2 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 174،658 ފަތުރުވެރިންކަމަށްވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 15.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,198,343 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިންގެ އަދަދަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރި ނަމަވެސް، މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ މަޑުމަޑުން އިތުރުވަމުންނެވެ.

ޗައިނާގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓަށް ބަލާއިރު:

  • ދެވަނަ: ރަޝިއާ (170,887 ފަތުރުވެރިން)
  • ތިންވަނަ: އިނގިރޭސިވިލާތް (94,139 ފަތުރުވެރިން)

ރާއްޖޭގެ އެކި އެއަރޕޯޓްތަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއީ 1,168,608 ފަތުރުވެރިންނެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް 4,411 ފަތުރުވެރިން، މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް 4,004 ފަތުރުވެރިން، އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް 2,598 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް 2,161 ފަތުރުވެރިން އައިސްފައިވާއިރު، ދާލު އެއަރޕޯޓަށް 984 ފަތުރުވެރިން ވަނީ އައިސްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިވަގުތު 68,266 ތަނެއް ދަނީ ފަތުރުވެރިންނަށް ޚިދުމަތް ދެމުންނެވެ. އަދި މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ އަކީ 1,309 އެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *