މަޝްހޫރު ކާރު އުފައްދާ ކުންފުނި ރޭންޖް ރޯވަރއިން އެ ކުންފުނީގެ އެންމެ ފުރަތަމަ ފުލް-އިލެކްޓްރިކް މޮޑެލް ރަސްމީކޮށް ދައްކާލައިފިއެވެ. މި އުޅަނދު ތައާރަފުކުރުން އަހަރެއްހާ ދުވަހަށް ލަސްވުމަށްފަހު، މިހާރު މިވަނީ ބާޒާރަށް ނެރެން ތައްޔާރުވެފައެވެ.
އިނގިރޭސިވިލާތުގެ ސޮލިހުލްގައި އުފައްދާ މި އާ "ރޭންޖް ރޯވަރ އިލެކްޓްރިކް" އަކީ އެ ކުންފުނީގެ އުޅަނދުތައް އިލެކްޓްރިކް ކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫޢުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއާއެކު، ވެސްޓް މިޑްލޭންޑްސްގައި ހުންނަ ކުންފުނީގެ މަރުކަޒުތައް ވަނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށްފައެވެ.
ރޭންޖް ރޯވަރގެ މައި ކުންފުނި، ޖޭއެލްއާރު (ޖެގުއާ ލޭންޑް ރޯވަރު) އިން ބުނި ގޮތުގައި މި ބަދަލާ ގުޅިގެން 10,500 މުވައްޒަފުންނަށް ވަނީ އާ ހުނަރުތައް ދަސްކޮށްދީ ތަމްރީނު ދީފައެވެ. މީގެ ތެރޭގައި ސޮލިހުލްގެ 9,000 މުވައްޒަފުންނާއި، ވުލްވަރހެމްޕްޓަންގެ ސެންޓަރުގެ 1,500 މުވައްޒަފުން ހިމެނެއެވެ. ވުލްވަރހެމްޕްޓަންގެ މަރުކަޒުގައި މިހާރު ދަނީ އިންޖީނުގެ އިތުރުން ބެޓެރީ ޕެކްތަކާއި އިލެކްޓްރިކް ޑްރައިވް ޔުނިޓްތައް އުފައްދަމުންނެވެ.
މި އައު މޮޑެލް ނެރެފައި މިވަނީ ޖޭއެލްއާރު ކުންފުންޏަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެ ކުންފުންޏަށް އަމާޒުވި ވަރުގަދަ ސައިބާ ހަމަލާއެއްގެ ސަބަބުން ގާތްގަނޑަކަށް 1.9 ބިލިއަން ޕައުންޑުގެ ގެއްލުން ލިބުނު ކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް އެންމެ ބޮޑު މާލީ ގެއްލުމެއް ލިބުނު ސައިބާ ހާދިސާއެވެ. މީގެ އިތުރުން، ނޯވޭގެ މުހިންމު ސަޕްލަޔަރެއްގެ ފެކްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ސަޕްލައި ޗޭނަށް ބުރޫއަރައި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ ފައިދާ ވަނީ 66 މިލިއަން ޕައުންޑަށް ދަށަށް ގޮސްފައެވެ.
ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 300 އަށް ވަޒީފާ މަދުކުރުމަށް ނިންމާފައިވީ ނަމަވެސް، މެނޭޖިންގ ޑިރެކްޓަރ މާޓިން ލިމްޕަރޓް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި އައު މޮޑެލްއަކީ 10 އަހަރުގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިއީ ކުންފުންޏަށާއި، ޕާޓްނަރުންނަށް އަދި އިޤްތިޞާދަށާއި ވަޒީފާތަކުގެ ރައްކާތެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބާމިންގހަމް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑޭވިޑް ބެއިލީ ވިދާޅުވި ގޮތުގައި، މިއީ އެ ކުންފުންޏަށް އައު ދައުރެއްގެ ފެށުމެވެ. އަދި މިއީ ކުންފުންޏަށާއި ވެސްޓް މިޑްލޭންޑްސްގެ ސަޕްލައި ޗޭނަށް އަންނާނެ ވަރަށް ބޮޑު، އިންގިލާބީ ބަދަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޖޭއެލްއާރުން ބުނެފައިވަނީ، ދުނިޔޭގެ ސިޔާސީ މަސްރަޙާއި، ތަކެތީގެ އަގު އުފުލުމާއި އަދި ޤަވާޢިދުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮންޖެހުންތައް ހުރި ނަމަވެސް، މިފަދަ އައު އުފެއްދުންތަކާއެކު ކުންފުނީގެ ކުރިމަގު އޮތީ ވަރުގަދަކޮށް ކަމަށެވެ.

