މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި، ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 1.5 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދާ އަޅާބަލާއިރު 0.7 އިންސައްތައިގެ އިތުރުވުމެކެވެ.

ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކްސް ނެގުމުގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ހިންގާ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ އުޅަނދުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މިވަގުތު ރާއްޖޭގައި 180 ރިސޯޓާއި، 16 ހޮޓެލް، 927 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު އަންނަނީ އޮޕަރޭޓްކުރަމުންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަމުން އަންނަނީ ރިސޯޓުތަކާއި، ސަފާރީތަކާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 12 ޑޮލަރެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް 6 ޑޮލަރެވެ. ނަމަވެސް، އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވާނެއެވެ.

ސަރުކާރުން ދަނީ ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ބޭނުންކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި މުހިންމު މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް ފަދަ ދެމެހެއްޓެނިވި ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *