ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް
ފަތުރުވެރިކަމުގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރަމުންދާއިރު، މި ސިނާއަތް މިއަދު ދެކެމުންދާ ކުރިއެރުމާއި ޝަރަފުވެރި ތަރައްގީގެ ފަހަތުގައި ތިއްބެވި ބާނީންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެކެވެ. ރާއްޖޭގެ އިގުތިސޯދުގެ މައިބަދަ އަކީ ފަތުރުވެރިކަމެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ވިދާ ބަބުޅާލީ އަމިއްލަ އެތައް އިންވެސްޓްމަންޓްތަކަކާއި ބުރަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. މިގޮތުން، ދިވެހި ފަތުރުވެރިކަމުގެ ތާރީހު ދުށް އެންމެ ނުފޫޒުގަދަ އަދި އެންމެ ހިދުމަތްތެރި އެއް ޝަޚް އްޔަތަކީ ވިލާ ގްރޫޕުގެ ޗެއާމަން، ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތްތެރިވެރިޔާ އޮނަރަބްލް ޤާސިމް އިބްރާހީމެވެ. އެމަނިކުފާނަކީ ހަމައެކަނި ރިސޯޓު ބިނާކުރެއްވި ވިޔަފާރިވެރިއެއް ނޫނެވެ. އެއަށްވުރެ ބޮޑަށް، އެމަނިކުފާނަކީ ދިވެހި ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ ބަދަލުކޮށް، ދިވެހި މުވައްޒަފުންގެ ކުރިއެރުމަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ގައުމީ މޭސްތިރިއެކެވެ.
ރިސޯޓު ތަރައްގީކުރުމާއި މާސް-ޓޫރިޒަމްގެ ބިންގާ
އޮނަރަބްލް ޤާސިމް އިބްރާހީމް ފަތުރުވެރިކަމުގެ ދާއިރާއަށް ވެންނެވީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. 1988 ގައި ހުޅުވުނު ފަން އައިލެންޑް ރިސޯޓާއެކު ގައެވެ. މިއާއެކު އޮނަރަބްލް ޤާސިމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މަލަމަތި މުޅިން ބަދަލުކޮށްލާފައެވެ. މިގޮތުން ސަން އައިލެންޑް ރިސޯޓް، މިހާރު ވިލާ ޕާކް ވެގެންދިޔައީ ރާއްޖޭގައި ބިނާކުރެވުނު އެންމެ ބޮޑު އަދި އެންމެ ގިނަ އެނދު ހިމެނޭ އެއް ރިސޯޓަށެވެ. މިއީ ދިވެހިރާއްޖޭގައި މާސް-ޓޫރިޒަމްގެ ފެށުމެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އެއްފަހަރާ ޒިޔާރަތްކުރަން ފެށިއެވެ. މީގެ އިތުރުން ޕެރަޑައިސް އައިލެންޑް، މިހާރު ވިލާ ނޯޓިކާ، ރޯޔަލް އައިލެންޑް، މިހާރުގެ ވިލާ ވިލެޖް އަދި ހޮލިޑޭ އައިލެންޑް ފަދަ ރިސޯޓުތަކާއެކު، ވިލާ ބްރޭންޑަކީ ދިވެހި ފަތުރުވެރިކަމުގެ އެންމެ ވަރުގަދަ އެއް ތަނބަށް ވެގެންދިޔައެވެ.

ގޮންޖެހުންތަކުން ފުރިގެންވީ ތާރީހީ މަޝްރޫއު: ސަން އައިލެންޑުގެ މޫދު ކޮޓަރިތައް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ސަން އައިލެންޑް ރިސޯޓު ބިނާވެގެންދިޔައީ ހަމައެކަނި ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައެއް ނޫނެވެ. އެއީ އޭރުގެ އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި މާހިރުން ރާއްޖޭގެ ކަނޑުގެ މާހައުލާއި އޭރުގެ ވަސީލަތްތައް ހުރިގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނަމުން ދިޔަ މޫދު ކޮޓަރި (Water Villas) ނޭޅޭކަމަށް ބުނަމުން ދަނިކޮށް އޮނަރަބްލް ޤާސިމްގެ ސާބިތުކަމާއި ތޫނުފިލި ވިސްނުންފުޅާއެކު ކާމިޔާބުކުރެއްވި ބޮޑު ގޮންޖެހުމެކެވެ. ހާއްސަކޮށް، މީހުންކިޔަމުން ދިޔަ ފާޑުކިޔުމުގެ ބަސްތަކަށް ނުބައްލަވައި، އޮނަރަބްލް ޤާސިމްގެ އަމިއްލަ ފަރުމާތަކަށާއި ދިވެހި އިންޖިނޭރުންނާއި މަސައްކަތްތެރިންގެ ހުނަރަށް އިތުބާރުކުރައްވައި އެ ބިޔަ މަޝްރޫއު ނިންމަވާފައެވެ. މިއަދު ސަން އައިލެންޑުގައި ބިނާކުރެވިފައިވާ 64 މޫދު ވިލާތަކަކީ ދިވެހި ފަތުރުވެރިކަމުގެ އައިކޯނިކް ނުވަތަ ރާއްޖެ ރަމްޒުކޮށްދޭ އެންމެ މަގުބޫލު އެއް ކޮމްޕޯނަންޓެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް 'ނުވާނެ ކަމެއް ނެތް' ކަން އޮނަރަބްލް ޤާސިމް ދުނިޔެއަށް ސާބިތުކޮށްދިން ހިތްވަރުގަދަ ލާމަސީލު މިސާލެކެވެ.

ދަތުރުފަތުރާއި ވައިގެ ބަނދަރުގެ އިންގިލާބީ ބަދަލުތައް
ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޮނަރަބްލް ޤާސިމް ދެނެވަޑައިގަންނަވައެވެ. މިގޮތުން އޮނަރަބްލް ޤާސިމް ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީހު ބަދަލުކޮށްލާފައެވެ. އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ހެދި ފުރަތަމަ އެއާޕޯޓް ކަމަށްވާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް މާމިގިލީގައި ބިނާކުރެއްވިއެވެ. އޭގެސަބަބުން އަރިއަތޮޅުގެ ފަތުރުވެރިކަމަށް ލިބިގެންދިޔައީ ވަރަށް ބޮޑު ދިރުމެކެވެ. މީގެ އިތުރުން އޮނަރަބްލް ޤާސިމްގެ އަމިއްލަ ކުންފުނި ވިލާ އެއާރގެ 'ފްލައިމީ' ގެ ސަބަބުން ފަތުރުވެރިންނަށާއި ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބިގެން ގޮސްފައެވެ. އަދި ވައިގެމަގުން ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެފައެވެ.

ވައިގެ ދަތުރުފަތުރުގެ ފުޅާވުން: ސީޕްލޭންގެ ހިދުމަތް ތައާރަފުކުރުމާއި ޤާސިމްގެ ދައުރު
ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ސީޕްލޭންގެ (Seaplane) ހިދުމަތް ފުޅާކޮށް ވާދަވެރި މާހައުލެއް އުފެއްދެވުމުގައިވެސް އޮނަރަބްލް ޤާސިމްގެ ދައުރު ވަރަށް ބޮޑެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮންނަ ޓްރާންސް މޯލްޑިވިއަން އެއަރވޭސް(TMA) އުފެއްދެވުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވީ އޮނަރަބްލް ޤާސިމް އެވެ. އެ ސިނާއަތުގެ ކުރިއެރުމަށް އޮނަރަބްލް ޤާސިމް ގިނަ އިންވެސްޓްމަންޓްތަކެއް ކުރެއްވިއެވެ. އޭގެފަހުން، އަމިއްލަ އެއާލައިން ކަމަށްވާ ވިލާ އެއާ (FlyMe) މެދުވެރިކޮށް ސީޕްލޭންގެ ހިދުމަތް ސީދާގޮތުން ދިނުމަށްޓަކައި ބޯޓު ފަހަރު ބައްލަވައިގެންނެވިއެވެ. ގިނަ ގޮންޖެހުންތަކަކާ އެކުވެސް އެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް އޮނަރަބްލް ޤާސިމް އެތައް މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން އޭވިއޭޝަން ސިނާއަތް ހަމައެކަނި އެއް ކުންފުންޏެއްގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނެވިއެވެ. އަދި ފަތުރުވެރިން މަންޒިލްތަކަށް ގެންދިއުމުގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމުގެ މައިގަނޑު އެއް މޭސްތިރިއަކީ އޮނަރަބްލް ޤާސިމެވެ.

މުވައްޒަފުންގެ ކުރިއެރުމާއި ވަޒީފާގެ މާހައުލަށް ގެންނެވި އިސްލާހުތައް
އޮނަރަބްލް ޤާސިމް އިބްރާހީމްގެ ފަތުރުވެރިކަމުގެ ފަލްސަފާގެ އެންމެ ހާއްސައެއް ބަޔަކީ މުވައްޒަފުންގެ ކުރިއެރުމަށް ކުރެއްވި އިންވެސްޓްމަންޓްތަކެވެ. އޮނަރަބްލް ޤާސިމްގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ދާއިރާގެ އިސް މަގާމުތަކަށް ވާސިލުވުމުގެ ފުރުސަތު ފަހިކޮށްދެއްވިއެވެ. އެގޮތުން ޖެނެރަލް މެނޭޖަރުންނާއި، ޑިޕާޓްމަންޓް ހެޑުންގެ މަގާމުތަކަށް ދިވެހިން އިސްކުރުމުގެ ސިޔާސަތެއް ގެންގުޅުއްވިއެވެ. މީގެ އިތުރުން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބަދަލުވަމުންދާ އިގުތިސާދާ އެއްވަރަށް މަތިކޮށްދެއްވައެވެ. ރިސޯޓުތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުތަކުގެ ފެންވަރު މަތިކޮށް ދެއްވިއެވެ. އަދި މުނިފޫހިފިލުވުމާއި ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވިއެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގެ ރިސޯޓެއްގައި މުވައްޒަފުންނިދާ ކޮޓަރީގައި އޭސީ ހަރުކޮށްދެއްވީވެސް އޮނަރަބްލް ޤާސިމެވެ. މިއީ ރިސޯޓު ވަޒީފާއަކީ ޝަރަފުވެރި، ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މަސައްކަތެއްގެ ގޮތުގައި ހެއްދެވުމަށް އޮނަރަބްލް ޤާސިމް އެޅުއްވި ވަރުގަދަ، ހަރުދަނާ ފިޔަވަޅުތަކެކެވެ.

ތައުލީމީ ޖީލެއް ބިނާކުރުމާއި ސިނާއަތުގެ ކުރިމަގު
ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި އޮނަރަބްލް ޤާސިމް އިބްރާހީމް ކުރެއްވި އެންމެ އަގުހުރި ހިދުމަތަކީ ވިލާ ކޮލެޖް އުފެއްދެވުމެވެ. މި ކޮލެޖް މެދުވެރިކޮށް ހޮސްޕިޓާލިޓީ، ޓޫރިޒަމް މެނޭޖްމަންޓް، އަދި ކަލިނަރީ އާޓްސް ފަދަ ދާއިރާތަކުން ސެޓްފިކެޓް ފެންވަރުން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ދިވެހި ޒުވާނުން ތަމްރީނު ވުމުގެ ފުރުސަތު ހުޅުވާލެއްވުމެވެ. މީގެ އިތުރުން ރިސޯޓުތަކުގެ އެތެރޭގައި ހިންގޭ އިން-ހައުސް ޓްރެއިނިންގް ޕްރޮގްރާމްތަކުގެ ސަބަބުން، އެއްވެސް ތަޖުރިބާއެއް ނެތި ވަޒީފާއާ ކުރިމަތިލާ ޒުވާނާއަށްވެސް ހުނަރުވެރި ފަންނުވެރިއަކަށް ވުމުގެ މަގު ވަނީ އޮނަރަބްލް ޤާސިމް ވަނީ ކޮސްޓަވައި ދެއްވާފައެވެ.

ދިވެހިރާއްޖޭގައި ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާއިރު، އޮނަރަބްލްޤާސިމް އިބްރާހީމް ދިވެހި ފަތުރުވެރިކަމަށް ދެއްވި ހަދިޔާއަކީ ހަމައެކަނި އިމާރާތްތަކަކާއި އިނވެސްޓްމަންޓުތަކެއް ނޫނެވެ. އެއީ ދިވެހި އަމިއްލަވަންތަކަމާއެކު ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހީންނަށް ފައިތިލަ ސާބިތުކުރެވިދާނެކަން ސާބިތުކޮށް ދެއްވި ގައުމީ ބަތޮލެކެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ބޮޑު ޖަމްއިއްޔާ ކަމަށްވާ މަޓީ (MATI) ގެ ނާއިބު ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން އޮނަރަބްލް ޤާސިމް އަދަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެއްވި އަގުނުކުރެވޭފަދަ ހިދުމަތްތަކާއި ގައުމައް ކޮށްދެއްވި ހިދުމަތްތައް ދިވެހި ދައުލަތުންވަނީ ފާހަގަކުރައްވާފއެވެ. މިގޮތުން، ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތްތެރި ވެރިކަން (ނޢޢވ)، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނމޝޢ)، ގައުމީ ޝަރަފުވެރިކަމުގެ އިނާމު، ގައުމީ ހިދުމަތުގެ ހިއްވަރު ދިނުމުގެ އިނާމު އަދި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ފަތުރުވެރިކަމުގެ ދާއިރާއިން 2018 ވަނަ އަހަރު ލިބިވަޑައިގެންނެވިއެވެ. މިއަދު ވިލާ ރިސޯޓްތައް ޒަމާނީ ބްރޭންޑަކަށް ބަދަލުވަމުންދާއިރު، އޮނަރަބްލް ޤާސިމް އަޅައިދެއްވި ބިންގަލާއި، ކަޑައިގެ މަތީގައި ދިވެހި ފަތުރުވެރިކަން އަދިވެސް ދާނީ އައު އުސްމިންތަކަކަށް ދަތުރުކުރަމުންނެވެ.
