ގއ. އަދި ގދ. އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. އަތޮޅުގައި ތަރައްޤީކުރި ތިންވަނަ ރިސޯޓު، "ނިލާ ކޮރަލް އައިލޭންޑް މޯލްޑިވްސް" ރަސްމީކޮށް ހުޅުވައިފިއެވެ. މި ރިސޯޓަކީ ގދ. ކޮޑެގަލާގައި މަތީ ފަންތީގެ ޚިދުމަތްތަކާ އެކު ތަރައްޤީކޮށްފައިވާ ހިތްގައިމު ރިސޯޓެކެވެ.

މި ރިސޯޓު ހުޅުވުމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ގދ. އަތޮޅުގެ ރައްޔިތުންނަށް އަމިއްލަ ރަށާ ކައިރިން ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ އައު ދޮރުތައް ހުޅުވިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު (ވިޒިޓް މޯލްޑިވްސް އިޔަރ) ގެ ގޮތުގައި ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، މި ރިސޯޓު ހުޅުވިގެން ދިއުމަކީ ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ނަފާ މުޅި ސަރަޙައްދުގެ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ބާރެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ނިލާ ކޮރަލް އައިލޭންޑް ރިސޯޓަކީ ވަރަށް ޚާއްޞަ، ލަގްޒަރީ ކޮންސެޕްޓަކަށް ފަރުމާކޮށްފައިވާ ތަނެކެވެ. އެއްފަހަރާ 40 މީހުންނަށް ޚިދުމަތް ދެވޭ މި ރިސޯޓުގައި މޫދަށްވާ ގޮތަށް ހަދާފައިވާ 7 ވިލާ ހުރެއެވެ. މި ވިލާތައް ބަހާލެވިފައިވަނީ މައިގަނޑު ތިން ގިންތިއަކަށެވެ. އެއީ ދެ ކޮޓަރީގެ ވިލާއާއި، ތިން ކޮޓަރީގެ ވިލާގެ އިތުރުން އެންމެ މަތީ ފަންތީގެ ފަސް ކޮޓަރީގެ ވިލާއެވެ. މާވަރުލު އެއަރޕޯޓުން ފުރައިގެން ލޯންޗުގައި އެންމެ 15 މިނެޓުން ދެވޭ މި ރިސޯޓަށް މިހާރު ވަނީ ބުކިން ހެދުމުގެ ފުރުސަތު ވެސް އާންމުކޮށް ހުޅުވާލާފައެވެ.

ކޮޑެގަލާގައި މި ރިސޯޓު ހުޅުވުމާ ހަމައަށް ގދ. އަތޮޅުގައި ހިންގަމުން އައީ ދެ ރިސޯޓެވެ. އެއީ މަޝްހޫރު އަޔާޑާ މޯލްޑިވްސް އާއި އެންއެޗް ކަލެކްޝަން މޯލްޑިވްސް ހޮވޮއްޑާ ރިސޯޓެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި މިވަގުތު ޖުމްލަ 180 ރިސޯޓެއްގައި 45،171 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 1.2 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *