ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ، ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގް އާއި ބެހޭގޮތުން ދެއްކިކަމަށް ތުހުމަތުކުރެވޭ ވާހަތަކަކާ ގުޅިގެން އޮންލައިންކޮށް ނުރުހުން އިތުރުވެ، ޗައިނާގެ ގިނަ ބްރޭންޑްތަކުން އޭނާ ދޫކޮށްލައިފި އެވެ. މިކަމާ ގުޅިގެން ޗައިނާގެ ރައްޔިތުންގެ ފަރާތުން ބޮޑު ނުރުހުމެއް ވަނީ ފެނިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، އެމްބާޕޭ ވަނީ ފްރާންސްގެ ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި، އޭނާއަށް އެންމެ ހިނި އަންނަ މީމަކީ "ޗައިނާގެ ޑިކްޓޭޓަރެއް" ގެ ވީޑިއޯއެއް ކަމަށް ބުނެފަ އެވެ. އޭނާ ވާހަކަ ދައްކަމުން ދަނިކޮށް، މާއޯ ޒެޑޮންގް އާއި އެއްގޮތްކަމެއް ހުންނަ ސޫރައެއްގެ މަތީގައި އެމްބާޕޭގެ މޫނު އަޅުވާފައިވާ މީމެއް ދައްކާލާފައިވެއެވެ.
އޭގެ އިތުރުން ރެއަލް މެޑްރިޑްގެ ފޯވާޑް ބުނެފައިވާގޮތުގައި "އަހަރެން އަބަދުވެސް ރައްޓެހިންނާއެކު އެ މީމް ބޭނުންކުރަން." މި ވާހަކަތައް ހިމެނޭ ވީޑިއޯތައް އޮންލައިންކޮށް ދައުރުވަމުންދާކަމަށް ވެއެވެ.
އެމްބާޕޭ އޭނާގެ ވާހަކައިގައި މާއޯގެ ނަން ސީދާކޮށް ބުނެފައެއް ނުވެއެވެ. އަދި މި ޝޯގެ އަސްލު ވީޑިއޯ މިހާރު ޔޫޓިއުބް ޗެނަލުން ފެންނާކަށް ނެތެވެ. ނަމަވެސް އެ ވީޑިއޯގެ ސްކްރީންގްރެބްސްތައް ޗައިނާގެ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
މިކަމާ ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ ރިޕޯޓެއް ދީފަ އެވެ. އެގޮތުން ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއަން ވިދާޅުވީ، "އަޅުގަނޑުމެން މި ރިޕޯޓްތައް ފާހަގަކޮށްފީމެވެ. ޗައިނާގެ ރައްޔިތުންގެ ހިތްތަކަށް އަސަރުކުރުވާފަދަ ބަސްތަކާއި ޢަމަލުތަކަށް ޗައިނާގެ މުޖުތަމަޢުގެ ހުރިހާ ދާއިރާއަކުންވެސް އިދިކޮޅު ނުކުންނާނެ." އެވެ.
މިހާތަނަށް އެމްބާޕޭ ނުވަތަ "ދަ ބްރިޖް" ޝޯ އިން މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. މި އިންޓަވިއު ދެއްކި ވަގުތު ސާފުނުވާނަމަވެސް، ޗައިނާގެ ފުޓްބޯޅަ ފޯރަމް ޑޮންގްކިއުޑީ އިން ހޯމަ ދުވަހުގެ ރޭ މިކަމަށް ސަމާލުކަން ހުއްޓައި، މި ވާހަކަތަކަކީ "ނުރަނގަޅު" އަދި "ޗައިނާގެ ރައްޔިތުންގެ ހިތްތަކަށް އަސަރުކުރި" ވާހަކަތަކެއް ކަމަށް ބުނެފައިވެ އެވެ.

