ދިވެހިރާއްޖެއަށް އަސާސީ ކާބޯތަކެތި އެތެރެކުރުމާއި، ވިޔަފާރީގެ އިތުރު ދާއިރާތައް ފުޅާކުރުމަށްޓަކައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް ބަދަލުކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކާއެކު ވެވުނު އެއްބަސްވުންތައް ވެސް ހިމެނެއެވެ.

މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ، މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ "ޗައިނާ މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިންހުވާއެވެ.

މި ފޯރަމްގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވުނު މުހިންމު 5 އެއްބަސްވުމަކީ:

  1. އިޤުތިޞާދީ ގުޅުން ބަދަހިކުރުން: އިޤުތީޞާދީ މަސައްކަތްތަކުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ދިނުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި ދަ ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާ ދެމެދު ޤާއިމުކުރި އެއްބަސްވުން.
  2. ދަނޑުވެރިކަމާއި ދިރާސާގެ ދާއިރާ: ދިރާސާ ކުރުމާއި، އީޖާދީ މަސައްކަތްތަކާއި ތަމްރީން ދިނުމުގެ އިތުރުން ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.
  3. މަސް އެކްސްޕޯޓްކުރުން (މިފްކޯ): ރާއްޖެއިން ގަނޑުކުރި މަސް ޗައިނާއަށް ބޭރު ކުރުމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ޤާއިމުކުރި އެއްބަސްވުން.
  4. ކާބޯތަކެއްޗާއި މުދާ އެތެރެކުރުން: އަސާސީ ކާބޯތަކެއްޗާއި، އާއްމު އެކިއެކި މުދާ ރާއްޖެއަށް އެތެރެ ކުރުމާއި އެކަމަށް މަގުފަހިކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި، ޒިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުން.
  5. މަހުގެ އުފެއްދުންތައް ބޭރުކުރުން (އަމިއްލަ ކުންފުނި): ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒްއިން އުފައްދާ މަހުގެ އުފެއްދުންތައް ބޭރު ކުރުމަށްޓަކައި އެ ކުންފުންޏާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ސޮއިކުރި އެއްބަސްވުން.

މި އެއްބަސްވުންތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ވިޔަފާރީގެ އައު ފުރުޞަތުތައް ފަހިކޮށްދީ، ޤައުމުގެ އިޤުތިޞާދަށް އޭގެ އެދެވޭ މަންފާ ހޯދައިދިނުމެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ތެރެއިން، ރާއްޖޭގެ ތަރައްޤީއަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށް ވެސް ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ ފަތުވެރިކަމުގެ ދާއިރާއާއި، ގްރީން އަދި ބްލޫ އިކޮނޮމީގެ މަސައްކަތްތަކުގެ އިތުރުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި ޗައިނާއަކީ އަބަދުވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ މުހިންމު ބައިވެރިއެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *