ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެ ގިނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރި މާކެޓްކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ "ވޯލްޑް ޓްރެވަލް މާކެޓް" (ޑަބްލިއުޓީއެމް) ގައި ބައިވެރިވުމަށް ރާއްޖެއިން އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިއްޖެއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގެ އެކްސެލްގައި ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހު ބާއްވަމުން އަންނަ މި ފެއާއަކީ ވޭތުވެދިޔަ 75 އަހަރު ދުވަހު ބާއްވަމުން އައިސްފައިވާ ދުނިޔޭގެ ފެންވަރުގެ މަޤްބޫލު ފެއާއެކެވެ. 1984 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ބައިވެރިވަމުން އަންނަ މި ފެއާ މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން މިއަހަރު ބައިވެރިވަނީ ވަރަށް ވަރުގަދަ ވަފުދަކާއެކުގައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓްތަކާއި، ޓްރެވަލް އެޖެންޓުންނާއި، އެއާލައިންތަކުގެ އިތުރުން މި ދާއިރާގައި އެކި ޚިދުމަތްތައްދޭ ފަރާތްތަކުން ބައިވެރިވާ މި ފެއާގައި، ރާއްޖޭގެ 62 ކުންފުންޏަކުން 136 ފަރާތެއް ހިމެނޭހެން ޖުމްލަ 161 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ.
ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ރިސޯޓްތަކުންނާއި ވިޔަފާރިތަކުން ދެމުންދާ ފުރިހަމަ ޚިދުމަތްތައް ދައްކާލުމުގެ އިތުރުން، އެކުގައި ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށްގެންދެވޭނެ ދާއިރާތަކާ ގުޅޭގޮތުން ބޭރުގެ ވިޔަފާރިވެރިންނާ މަޝްވަރާކުރުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ.
މިއަހަރުގެ ފެއާގައި ރާއްޖެއިން ކުރިއަށްގެންދާ އެންމެ ޚާއްޞަ އެއް ހަރަކާތަކީ ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް އަމާޒުކޮށް "ވިޒިޓް މޯލްޑިވްސް އިޔަރ 2027″ ރަސްމީކޮށް އިފްތިތާޙުކުރުމެވެ. މި ކެމްޕޭނަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ޤުދުރަތީ ރީތިކަން ތަޖުރިބާކޮށް، އެ ތަޖުރިބާތައް މުޅި ދުނިޔެއަށް ހިއްސާކުރުމަށް ދެވޭ ޚާއްޞަ ދައުވަތެކެވެ. މީގެއިތުރުން "ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް" ގެ 2027 ވަނަ އަހަރުގެ އެޑިޝަން ތަޢާރަފްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރޭވިފައިވާ ހަރަކާތްތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު އޮތް ފުރުޞަތުތަކުގެ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ހަފުތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާ މި ބޮޑު ފެއާގައި ދުނިޔޭގެ 180 ޤައުމަކުން ފަތުރުވެރިކަމުގެ ދާއިރާގެ 50،000 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

