އެކޮމޮޑޭޝަނާއި ކާބޯތަކެތީގެ ހިދުމަތްތަކުގެ ދާއިރާގެ އިގުތިސާދީ ކުރިއެރުން މިދިޔަ ސެޕްޓެންބަރު މަހު ކުޑަކޮށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ.
މި ދާއިރާއަށް ކުޑަ ދަށްވުމެއް އައި ނަމަވެސް، ސެޕްޓެންބަރު މަހުގެ މަހުވަރުގެ އިގުތިސާދީ އުފެއްދުންތެރިކަން ނުވަތަ މަންތްލީ އިކޮނޮމިކް ގްރޯތު (އެމްއައިއީޖީ) ގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް އޮތީ މި ދާއިރާގައެވެ. އެއީ މުޅި އިގުތިސާދުގެ 18.5 އިންސައްތައެވެ. ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތް ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ހިއްސާއަކީ 12.0 އިންސައްތައެވެ.
އެމްބީއެސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދިވެހިރާއްޖޭގެ މުޅި އިގުތިސާދީ އުފެއްދުންތެރިކަމަށް ބަލާއިރު މިދިޔަ ސެޕްޓެންބަރު މަހު ޖުމުލަ އެމްއައިއީޖީ ހުރީ 8،512 މިލިއަން ރުފިޔާގައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު 4.0 އިންސައްތަ (330 މިލިއަން ރުފިޔާ) ގެ ކުރިއެރުމެކެވެ. އެހެން ނަމަވެސް، މިއަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މިއީ 11.6 އިންސައްތަ (1،120 މިލިއަން ރުފިޔާ) ގެ ދަށްވުމެކެވެ.
ސެޕްޓެންބަރު މަހުގެ އިގުތިސާދީ ކުރިއެރުމަށް އެންމެ ބޮޑު އެދެވޭ ހިއްސާއެއް ކޮށްފައިވަނީ 0.9 އިންސައްތައިގެ ކުރިއެރުމަކާއެކު ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. މީގެއިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއިން، މިއިން ކޮންމެ ދާއިރާއަކުން ވަނީ 0.8 އިންސައްތައިގެ ކުރިއެރުމެއް އިގުތިސާދަށް ހިއްސާކޮށްފައެވެ.
އެހެން ނަމަވެސް، އެ މަހުގެ އިގުތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. އެ ދާއިރާގެ އުފެއްދުންތެރިކަން 1.5 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އެކޮމޮޑޭޝަނާއި ކާބޯތަކެތީގެ ހިދުމަތްތަކުގެ ދާއިރާ ވަނީ 0.1 އިންސައްތަ ދަށަށް ގޮސްފައެވެ.
އެމްބީއެސްއިން ހާމަކުރި ގޮތުގައި، އެމްއައިއީޖީގެ މި ހިސާބުތަކަކީ 2019 ވަނަ އަހަރުގެ ސާބިތު އަގުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެކެވެ.

