މިފަހަރުގެ އީދާ ދިމާކޮށް މޯލްޑިވިއަން އިން އަތޮޅު ތެރޭގެ 11 ރަށަކަށް އިތުރު 30 ދަތުރު ކުރަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، އީދު ބަންދާ ދިމާކޮށް ދަތުރުތައް އިތުރު ކުރަނީ، ޑިމާންޑަށް ބަލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދަތުރުތައް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.
މިވަގުތަށް މޯލްޑިވިއަން އިން އެންމެ ގިނަ ދަތުރުތައް ކުރަން ނިންމާފައިވަނީ ގަމަށެވެ. މި މަހުގެ 29 އިން ފެށިގެން އޭޕްރީލް 5 ވަނަ ދުވަހަށް އާންމު ޝެޑިއުލްގެ ބޭރުން ގަމަށް 8 ދަތުރު ކުރާނެ އެވެ.
ފުވައްމުލަކަށް ފަސް ދަތުރު އިތުރަށް ކުރާ އިރު ހދ. ހަނިމާދޫ އާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ހއ. ހޯރަފުއްޓާއި ށ. ފުނަދޫ އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދޫ އާއި ގދ. މާވަރުލާއި ގދ. ފަރެސްމާތޮޑާ އާއި ގއ. ކޫއްޑޫ އަށް ވެސް ދަތުރުތައް ކުރަން ވަނީ ނިންމައިފަ އެވެ.
ޑޮމެސްޓިކް ދަތުރުތައް އިތުރު ކުރި އިރު މޯލްޑިވިއަން އިން ވަނީ އީދާ ދިމާކޮށް ބ އަތޮޅަށް ސީޕްލޭންގެ ދަތުރުތައް ވެސް ފަށަން ނިންމައިފަ އެވެ.
އެ އަތޮޅު ފުޅަދު އާއި ފެހެންދޫ އާއި ގޮއިދޫއަށް ހާއްސަކޮށް ދަތުރުތައް ކުރަން ނިންމާފައިވާ އިރު އެ ދަތުރުތައް މި މަހުގެ 31 ގައި ފަށާނެ އެވެ.

