އޭނާގެ ހިތްހެޔޮ ވާހަކަ ދައްކައެވެ. ބައްދަލުވާ ކޮންމެ ފަހަރަކު ސަލާމް ގޮވާލަނީ ދިވެހި ބަހުންނެވެ. އަބަދުވެސް ކަސްޓަމަރުންނަށް އޭނާގެ ކިބައިން ފެންނަނީ ހިނިތުންވުމާއި ސަކަ މިރާޖެވެ.
މިދައްކަނީ އިންޑިއާއަށް މުދާ ބަލާދާ ދިވެހިންނަށް އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ އެޖެންޓް ކެވިން ޗެ ގެ ވާހަކައެވެ.
ގުއަންޒޫ އާއި ފޮޝާނާއި ޔިވޫ ފަދަ ސިޓީތަކުން ދިވެހިން ހައްދާ ވިޔަފާރި މުދާ ރާއްޖެއަށް ޝިޕްކުރުމާއި ދިވެހިން ބޭނުންވާ މުދާ ހޯދައިދިނުމާއި އެނޫންވެސް ޚިދުމަތްތައް ކެވިންގެ ކުންފުނިން ފޯރުކޮށްދެއެވެ.

"ހުރިހާ ގައުމުތަކުގެ ތެރެއިންވެސް އަހަރެންނަށް ޚާއްސަކަމެއް ދެވޭ ދިވެހިންނަށް. ވަރަށް ތަފާތު ބައެއް ދިވެހިންނަކީ. ވަރަށް ސަޅި ބައެއް،" ކެވިން ކިޔައިދިނެވެ. "ދިވެހިންނަށް ޚިދުނަތް ދިނުމަކީ އަހަރެންނަށް ލިބޭ އުފަލެއް."
ކެވިން ބުނި ގޮތުގައި ދިވެހިން ޗައިނާގެ ކޮންމެ އެއާޕޯޓަކަށް ލޭންޑުކުރި ކަމުގައިވިއަސް އޭނާގެ މުވައްޒަފުން ތިބޭނީ ދިވެހިންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށެވެ.
"ފްލައިޓް ޑީޓެއިލް ފޮނުވާލީމަ އަހަރެން ނޫނީ، އަހަރެންގެ މުވައްޒަފަކު އެމީހުން ރިސީވްކޮށްގެން ހޮޓަލަށް ގެންގޮސް، ބާޒާރުތައް ދައްކައި، މުދާ ހޯދަދީ، މުޅި ދަތުރު މެނޭޖްކޮށްދޭނެ. ދިވެހިން އަހަރެމެންގެ ޚިދުމަތްތައް ބަލައިގަނޭ. ވަރަށް ރަނގަޅު،" ކެވިން ބުންޏެވެ.
ކެވިންގެ އެޖެންޓްކަމުގެ ދަށުން އާންމުކޮށް ޗައިނާއިން މުދާ ގެންނަ މުހައްމަދު އިބްރާހީމް ބުނީ، "ކެވިންއާ އެކީ ވިޔަފާރި ކަންކަން ނިންމާލަން ވަރަށް ފަސޭހަ" ކަމަށެެވެ.
"އެއީ ވަރަށް ބަރާބަރު މީހެއް. ހުރިހާ ދިވެހިންވެސް އޭނާގެ ރަނގަޅު ވާހަކަ ދައްކާނެ. އަނެއްކާ ވަރަށް އިތުބާރު ކުރެވޭނެ އޭނައަށް،" ކެވިންއާ ބެހޭ ގޮތުން މުހައްމަދު ބުންޏެވެ.
ކެވިންގެ ވިސްނުން ހުރީ މިހާރު ދިވެހިންނަށް އޭނާގެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް އަވަހަށް ފޯރުކޮށްދީ ދިވެހިން ހިތްހަމަ ޖައްސައި ދިނުމަށެވެ.
