އާސަންދައިން ޙަރަދުކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ބޭހުގެ އަގު ކޮންޓްރޯލްކުރުމުން ވިޔަފާރިވެރިން ގަސްދުގައި ބޭސް އެތެރެކުރުން ހުއްޓާލައި ބޭސް ލިބުން ތާށިކުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ މީގެ ކުރިން ވިޔަފާރިވެރިން 1000 އިންސައްތަ އާއި 2000 އިންސައްތަ ފައިދާ ނަގަމުން އާސަންދަ މެދުވެރިކޮށް ވިއްކަމުންދިޔަ ބޭސްތައް ވިއްކޭނެ އަގު ސަރުކާރުން ކޮންޓްރޯލްކުރީ އާސަންދައިގެ އިސްރާފް ކުޑަކުރުމުގެ ގޮތުން ކަމަށާއި އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ބައެއް ބޭސްތަކުގެ އަގު ކޮންޓްރޯލްކުރުމުން ވިޔަފާރިވެރިން ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ބޭސް އެތެރެކުރުން ހުއްޓާލި ކަމަށެވެ.
ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ބޭސް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން އަގު ކޮންޓްރޯލްކުރި ބައެއް ބޭސްތަކުން 15 އިންސައްތަ ފައިދާ އިތުރުކޮށްދީ، ވިޔަފާރިވެރިންނަށް މިހާރު ލުއިދީފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

