މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޮޑެތި މާކެޓްތަކުގައި ސަމާ ޓްރެވަލްއަށް ހާއްސަކޮށް ސަމާ ސޭލް ކެމްޕޭންތަކެއް ފަށައިފި އެވެ.
އެމްއެމްޕީއާރްސީގެ މި ކެމްޕޭންތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމެވެ. އަދި މިހާރު ހުރި ޕާޓްނަޝިޕްތަކުގެ އެހީގައި ފުޅާ އަދި ތަފާތު އޯޑިއަންސްތަކަށް ރާއްޖޭގެ ފަތުރުވެރިކަން ވާސިލުކުރުމެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ހާއްސަ ކެމްޕޭންތަކުގެ ތެރެއިން އެކި ގައުމުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ލަންޑަންގެ އަންޑަގްރައުންޑް އަދި ބަސްތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ބެހެއްޓުމާއި، ޓެކްސީ އެޑް ކެމްޕޭނެއް ހިންގުން ހިިމެނެ އެވެ. މީގެއިތުރުން ރަޝިޔާ އަދި ކޮމަންވެލްތ އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް) އަދި ޕެސިފިކް އައިލެންޑް ކަންޓްރީޒް (ޕީއޭސީ) ގްރޫޕާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއް ހިންގުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވެ އެވެ.
މި ކެމްޕޭނާއެކު ރާއްޖެއަށް މިދުވަސްކޮޅު އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި ދިގު މުއްދަތުގެ ކުރިއެރުން ހޯދުމަށް މިއީ ރަނގަޅު ފުރުސަތެއްކަން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން ބޮޑެތި ޕާޓްނަރުންނާ ގުޅިގެން ޑިޖިޓަލް އެކްޓިވޭޝަންތަކާއި ޕްރޮމޯޝަންތަކާއި ޓްރޭޑް އެންގޭޖްމަންޓް ހިމެނޭ ކެމްޕޭންތައް ހިންގުމަށް ވެސް ވަނީ ރާވާފަ އެވެ.

