ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަމަށާއި، އެ ސްޖކީމް ޕްރޮމޯޓްކޮށް އެ ސްކީމުގައި މީހުންބައިވެރިކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އތޯރިޓީ (ސީއެމްޑީއޭ) އާއި ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ޖީއެމްސީ ނުވަތަ ޖެމްކިއު ސްކީމާ ގުޅޭގޮތުން ފުލުހުން މިރޭ ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނު ނަމްބަރ 02/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ޤަވާއިދު ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި، އެފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދާ އެއްގޮތަށް ސީއެމްޑީއޭ ގައި ރަޖިސްޓަރީކޮށްގެން ކަމަށެވެ.
އަދި އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުން ދިވެހި ފުލުހުން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ ސްކީމުގައި އާޓިފިޝަލް އިންޓެލިގެންސް ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކްރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއްކަން ވެސް ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ޖީ.އެމް.ސީ.އީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމާ ގުޅޭގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރޭ ނޫސް ބަޔާންhttps://t.co/EvAuyZnoAh pic.twitter.com/nsL3yoK58R
— Maldives Police (@PoliceMv) June 15, 2025
އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން އެފަދަ ޕިރަމިޑް ސްކީމްތަކުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ޤާނޫނީގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށާއި، އެހެންކަމުން ޖެމްކިއު ސްކީމް ޕްރޮމޯޓްކޮށް އެ ސްކީމުގައި މީހުންބައިވެރިކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އތޯރިޓީ (ސީއެމްޑީއޭ) އާއި ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުން އެ ބަޔާނުގައި ބުނެފައިވެއެވެ.

