ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފައިދާ އިތުރުވެ، ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝަރީފު ވިދާޅުވީ ”އަންނަ ޖުލައި 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ޓާމިނަލް ވާނީ ކުންފުނީގެ ޚިދުމަތްތައް އިތުރު ކުރާއިރު ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ތަނަކަށް“ ކަމަށެވެ.
މިދިޔަ އަހަރަކީ އެމްއޭސީއެލްއަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކުރައްވަމުން، އެ ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުންފުނި ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް އެމްޑީ ވިދާޅުވެފައިވެ އެވެ.
މާލީ ހާލަތު: 2024 ވަނަ އަހަރު އެމްއޭސީއެލްއަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހޭދަކުރި އިރު، ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއަކީ 2016 ވަނަ އަހަރު ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރެވުނު މަޝްރޫއެކެވެ. މީގެ އަށް އަހަރު ކުރިން ފެށުނު މި މަޝްރޫއު ނިންމައި އެއާޕޯޓް އަވަހަށް ހުޅުވުމަކީ މިހާރުގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮޖެކްޓެވެ.

