ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ "ޕެސެންޖާ ބޯޑިން ބްރިޖުތައް" އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލް މި މަހުގެ 26 ގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އޭގެ ތެރެއިން އެންމެ މުހިންމު އެއްބަޔަކީ ޕެސެންޖާ ބޯޑިން ބްރިޖުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުމެވެ.
އެއީ ރާއްޖެ އަށް ވެސް މުޅިން އާ ހިދުމަތަކަށް ވާތީ އެކަމަށް ވީއައިއޭ އިން ހާއްސަ އިސްކަމެއް ދިން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ބޯޑިން ބްރިޖަކީ ރައްކާތެރި ކަމާ އެކު، މަތިންދާބޯޓުން ޓާމިނަލަށް ފައިބަން ގުޅާލާ ބްރިޖެކެވެ. އެ ބްރިޖާ އެކު، ޓާމިނަލުން މަތިންދާބޯޓަށް އަދި ބޯޓުން ޓާމިނަލަށް ފަސިންޖަރުން ދިއުމަށް ބަސްތައް ބޭނުންކުރާކަށް ނުޖެހޭނެ އެވެ. ފަސިންޖަރުން ބޯޓުން ސީދާ ފައިބާނީ ޓާމިނަލަށެވެ.
އެމްއޭސީއެލް އިން ބުނީ، ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް 46 މުވައްޒަފުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައިވަނީ މެލޭޝިއާ އަށް ފޮނުވައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ، އެ ތަމްރީނުތަކުގެ ބޭނުމަކީ ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވެ، ސަލާމަތްތެރިކަމާ އެކު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.

