އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެމްއޭސީއެލްއިން މިއަދު ވަނީ ބުނެފަ އެވެ.
އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށާއި ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށް ގަސްތުގައި ފަތުރަމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއް ކުރުމުގެ މަޝްވަރާއެއް އެއްވެސް އިރެއްގައި ކުންފުނިން ކޮށްފައި ނުވާ ކަމަށާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ވަނީ އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ ޑޮލަރުން ދޭ ބައިގެ ބަދަލުގައި މުޅި މުސާރަ ދިވެހި ރުފިޔާއިން ދޭން އުޅޭކަމަށް ބުނެފަ އެވެ.
”ކުރިއަށް އޮތްތަނުގައިވެސް މި ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ،“ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނެފައިވަނީ އެ ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި، ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ މުވައްޒަފުންގެ ލާބައާއި މަންފާއަށް ކަމަށެވެ. އެމްއޭސީއެލްގެ ބަޔާނުގައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މީގެއިތުރުން، މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކުން އެކަން ހުއްޓާލައި، ޒިންމާދާރުކަމާއެކު ކަމުގެ އަސްލާ އެއްގޮތަށް ވާހަކަތައް ބައްޓަންކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފައިވެ އެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މައުލޫމާތާއެކު ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

