އަހަރުގެ މިހާތަނަށް ސަވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ ފައިސާ އެއްކުރުމަށް، 2017 ވަނަ އަހަރު އުފެއްދި ސަވަރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރުގެ މިހާތަނަށް 1.18 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވީކްލީ ފިޒިކަލް ރިޕޯޓުން ދައްކައިފި އެވެ. އަދި މި އަހަރުގެ މިހާތަނަށް ދަރަނިދެއްކުމަށްޓަކައި 3.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ، 783.8 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.4 އިންސައްތަ ވަނީ ދަށްކޮށްފައެވެ. އަދި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އަދި 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސްވެސް ހުރީ 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.

