އއ. މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

އއ. މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިން އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

މަތިވެރީގައި ބިން ހިއްކައި އެއާޕޯޓްގެ މަސައްކަތް އެމްއެސީއެލް އާއި ޙަވާލުކޮސްފައިވަނީ އެ ކުންފުނިން އަމިއްލައަށް އިންވެސްޓްކޮށްގެން މަސައްކަތް ކުރާ ގޮތަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރުން ހިމެނޭހެން އެރަށުން 26.5 ހެކަޓުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ބިމުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެހެނިހެން މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ބިން ހިއްކުމާއި އެއަޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް 2 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *