ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި،  ވަނީ ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހެދުމަށާއި އިކޯ ޓޫރިޒަމްގެ މަޝްރޫޢެއް ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް މުޢިއްޒު ރޭގަ ފުވައްމުލަކު ސްކޫލުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނަޝާތު ރަޝީދެވެ.

ރޭގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދެ މަޝްރޫޢުގެ އިތުރުން، ފުވައްމުލަކަށް ބޭނުންވާނެ އެހެން ބައެއް މަޝްރޫޢުތައް ހިންގުމުގެ އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފައިވެއެވެ. އެގޮތުން ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

  • ފުވައްމުލަކު ސްކޫލުގައި 16 ކްލާސްރޫމާއި ލެބް ގާއިމުކުރުމުގެ މަޝްރޫޢު. މި މަސައްކަތް ހަވާލުކުރެވުނީ އެމްޓީސީސީއާއެވެ.
  • ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމުގެ މަޝްރޫޢު. މި މަޝްރޫޢު ހަވާލުކުރެވުނީ ސެންޓަ ލޭންޑް ޕްރައިވެޓް ލިމިޓެޑުގެ ޕްރޮޖެކްޓްސްއާއެވެ.
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން. މި މަޝްރޫޢު ހަވާލުކުރެވުނީ އެމްއޭސީއެލްއާއެވެ.
  • އިސްލާމިކް ސެންޓަރެއް އެޅުން. މި މަޝްރޫޢު ހަވާލުކުރެވުނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
  • އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުން. މި މަޝްރޫޢު ހަވާލުކުރެވުނީ އެމްޓީސީސީއާއެވެ.
  • ފުވައްމުލަކުގައި އާ ބަނދަރެއް ތަރައްގީކުރުން. މި މަޝްރޫޢު ހަވާލުކުރެވުނީ އެމްޓީސީސީއާއެވެ.
  • މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް. މި މަޝްރޫޢު ހަވާލުކުރެވުނީ އެމްޓީސީސީއާއެވެ.
  • އިތުރު 75 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު. މި މަސައްކަތް ހަވާލުކުރެވުނީ ދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
  • ސްކޭޓް ޕާކެއް ތަރައްގީކުރުން. މި މަޝްރޫޢު ހަވާލުކުރެވުނީ އެމްޓީސީސީއާއެވެ.

ރައީސް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން އެހެން ގިނަ މަޝްރޫޢުތައް ވެސް ރައީސް ވަނީ ފައްޓަވައިދެއްވައި، ބައެއް ޚިދުމަތްތައް އިފްތިތާޙު ކޮށްދެއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *