މާލޭގެ ބާޒާރުގައި އާންމުކޮށް ބޭނުންވާ ތަރުކާރީ އާއި މޭވާއަށް ހުރި އަގުތަކަށް މިވަގުތު ބަދަލުތަކެއް އަންނަމުންދާ ކަމަށް ފާހަގަކުރެވެއެވެ. ވަކިވަކި ބާވަތްތަކުގެ އަގުތަކަށް ބޮޑެތި ފަރަގުތަކެއް އުޅޭއިރު، ދިވެހި ބާވަތްތަކާއި ބޭރުން އިމްޕޯޓްކުރާ ބާވަތްތަކުގެ އަގުތައް ވެސް ވަރަށް ތަފާތެވެ.
މިވަގުތު މާލޭގެ ބާޒާރުގައި އެންމެ އަގުބޮޑުކޮށް ވިކެމުންދަނީ ގިތެޔޮ މިރުސްކަމަށް ފާހަގަކުރެވެއެވެ. "އުފަންވެލި" ފިހާރައިން ދިވެހި ގިތެޔޮ މިރުސް ކިލޯއެއް 200 ރުފިޔާއަށް ވިކެމުންދާއިރު، "ގާކޮށި މާރުކޭޓުން" އިމްޕޯޓްކޮށްފައި ހުރި ގިތެޔޮމިރުސް ކިލޯއެއް 17 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. މިއީ ދެ ބާވަތުގެ އަގުތަކުގެ މެދުގައި ހުރި ބޮޑު ތަފާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
މޭވާއަށް ބަލާއިރު، މިވަގުތު އެންމެ އަގުބޮޑީ ފެހި މޭބިސްކަދުރާއި ރަތް މޭބިސްކަދުރެވެ. "ކިލޯގްރާމް ފިހާރައިން" ފެހި މޭބިސްކަދުރު ކިލޯއެއް 150 ރުފިޔާއަށް ލިބެން ހުރިއިރު، "އުފަންވެލި" ފިހާރައިން ރަތް މޭބިސްކަދުރު ކިލޯއެއް 140 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
އަނބުގެ އަގަށް ބަލާއިރު، މާރުކޭޓުން ދިވެހި އަނބު ކިލޯއެއް 70 ރުފިޔާއަށް ލިބެން ހުރިއިރު، "ކިލޯގްރާމް ފިހާރައިން" ބޭރު އަނބު ކިލޯއެއް 120 ރުފިޔާއަށް އެބަވިއްކައެވެ. ބީން ކިލޯއެއް "ކިލޯގްރާމް ފިހާރައިން" 100 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
ކާށީގެ އަގަށް ބަލާއިރު، "އުފަންވެލި" ފިހާރައިން ކާއްޓެއް 12 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ކިއުކަމްބަރ ކިލޯއެއް "އުފަންވެލި" ފިހާރައިން 45 ރުފިޔާއަށް ލިބެން ހުރިއިރު، ރާއްޖޭގައި ހައްދާ ކިއުކަމްބަރ ކިލޯއެއް "ކިލޯގްރާމް ފިހާރައިން" 65 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
މީގެ ކުރިން 10 ނުވަތަ 15 ރުފިޔާއަށް އަގުއުފުލުނު އާފަލާއި އޮރެންޖުގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ގިނަ ފިހާރަތަކުން 4 ރުފިޔާއަށް އަދި 3 ރުފިޔާއަށް އެބާވަތްތައް ލިބެން ހުރިއިރު، އޮރެންޖު އެންމެ އަގު ހެޔޮކޮށް މިވަގުތު ހުރީ "ޗެކްމާކް ފިހާރާގައެވެ." އެއީ އޮރެންޖެއް 2 ރުފިޔާއަށް ލިބެން ހުރުމެވެ.
އަލުވި ކިލޯއެއް 14 ރުފިޔާއަށް ލިބެން ހުރިއިރު، ފިޔާ ކިލޯއެއް "ރެޑްބީ ފިހާރައިން" 10 ރުފިޔާއަށް އެބަވިއްކައެވެ. ޖުމްހޫރީ މޭވާ ކިލޯއެއް "އުފަންވެލި" ފިހާރައިން 14 ރުފިޔާއަށް ލިބެން ހުރިއިރު، ރާއްޖޭގައި ހައްދާ ޖުމްހޫރީ މޭވާ ކިލޯއެއް "ކިލޯގްރާމް ފިހާރައިން" 130 ރުފިޔާއަށް އެބަހުއްޓެވެ.
މީގެ އިތުރުން ބޯވެލި 30 ރުފިޔާއަށް، ކަރާ 15 ރުފިޔާއަށް އަދި ކުރުނބާ 10 ރުފިޔާއަށް ވެސް ލިބެން އެބަހުއްޓެވެ. މިއީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ބައެއް ތަކެތީގެ އަގު ހުރި މިންވަރެވެ. ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ ފަރާތްތަކުން ތަކެތި ގަތުމުގައި މިހާރު ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ފާހަގަކުރެވެއެވެ.

