އަލިބާބާ ގްރޫޕް ހޯލްޑިންގ އިން އާންމުންނަށް މިދިޔަ ހަފްތާގައި ތައާރަފުކުރި ގިނަ ބޭނުންތަކަށް ހެދިފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) އެޕް، 'ކިއުވެން' އަށް، ފުރަތަމަ ހަފްތާގައި 10 މިލިއަނަށް ވުރެ ގިނަ މީހުން ޑައުންލޯޑް ކޮށްފައިވާކަމަށް ކުންފުނިން ހޯމަދުވަހު ބުނެފިއެވެ. މި އަދަދުގައި 'ކިއުވެން' ވަނީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އަދި ޑީޕްސީކަށް ވުރެވެސް ކުރިހޯދާފައެވެ.
'ކިއުވެން' ގެ މި ކާމިޔާބު ފެށުމާއެކު، ޗައިނާގެ މި ބޮޑު ޓެކް ކުންފުންޏަށް ވަނީ މުހިންމު އޭ.އައި. އެސިސްޓެންޓެއް ގާއިމުކުރުމަށް އޮތް ފުރުސަތު އިތުރުވެފައެވެ. މި އެސިސްޓެންޓުގެ މަގުސަދަކީ، ޗައިނާގައި ނެތް ގޫގުލްގެ ޖެމިނައި ޗެޓްބޮޓް އަދި ޗެޓްޖީޕީޓީ އާ ވާދަކުރެވޭ ފަދަ އޭ.އައި. އެޕްލިކޭޝަނެއް އުފެއްދުމެވެ. މި ހަބަރާއެކު، ހޯމަދުވަހު ހޮންކޮންގ ސްޓޮކް މާކެޓްގައި އަލިބާބާގެ ހިއްސާގެ އަގު 4.67 އިންސައްތަ މަތިވެ، އެންމެ ފަހުން 154.50 ހޮންކޮންގ ޑޮލަރަށް ވަނީ ވިޔަފާރި ކުރެވިފައެވެ. އަލިބާބާގެ އެންމެ ފަހުގެ މާލީ ނަތީޖާތައް އަންގާރަދުވަހު އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުންފުނިން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 'ކިއުވެން' އަކީ އަލިބާބާ އިން ކޮންސިއުމަރުންނަށް އަމާޒުކޮށް އޭ.އައި. މާކެޓަށް އެޅި އެންމެ މުހިންމު ފިޔަވަޅެވެ. މި އެޕްގެ މަގުސަދަކީ އެ ކުންފުނީގެ ޒަމާނީ ފައުންޑޭޝަނަލް އޭ.އައި. މޮޑެލްގެ ގާބިލުކަން ދިރިއުޅުމުގެ އެކި ބޭނުންތަކަށް ހިފޭނެ އެޕްލިކޭޝަންތަކާއި އާލާތްތަކަށް ބަދަލުކުރުމެވެ. ހަންޒޫގައި ހުންނަ އަލިބާބާގެ އޭ.އައި. އަދި ކްލައުޑް ސަރވިސަސް ޔުނިޓް ކަމަށްވާ އަލިބާބާ ކްލައުޑްގެ އޯޕަން-ސޯސް އޭ.އައި. މޮޑެލް ފެމިލީގެ ބާރު ލިބިގެން، 'ކިއުވެން' ޑިޒައިންކުރެވިފައިވަނީ މީހުންގެ މަސައްކަތާއި އަމިއްލަ ބޭނުންތަކަށް ވެސް ފުދޭ ގޮތަށެވެ. މީގެ ތެރޭގައި ތަފާތު ދިރާސާތައް ކުރުމާއި، ތަސްވީރު އުފެއްދުމާއި، ސްލައިޑް ތައްޔާރުކުރުން ފަދަ ގާބިލުކަން ހިމެނެއެވެ. އެޕަލްގެ އައި.އޯ.އެސް އަދި އެންޑްރޮއިޑް ދެ ޕްލެޓްފޯމުންވެސް 'ކިއުވެން' ވަނީ ލިބޭގޮތަށް ހަމަޖައްސާފައެވެ.
އަލިބާބާ ކްލައުޑް އިން ބުނި ގޮތުގައި، ބައިނަލްއަގްވާމީ ވަރޝަނެއް ނެރުމުން، 'ކިއުވެން' ޗެޓްޖީޕީޓީ އާ ސީދާ ވާދަކޮށް، ދުނިޔޭގެ އެންމެންގެ "އެވްރީތިންގ އެޕް" އަށް ވެގެންދާނެއެވެ. 'ކިއުވެން' އަށް ކުރިއަށް އޮތްތަނުގައި މެޕް، ކާބޯތަކެތި ޑެލިވަރީ، ދަތުރުފަތުރުގެ ހިދުމަތްތައް، އޮފީސް އާލާތްތައް، އީ-ކޮމާސް، ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ފަދަ ދިރިއުޅުމުގެ މުހިންމު ކަންކަން ހިމެނޭގޮތަށް ބަދަލުވެގެންދާނެކަމަށް ލަފާކުރެވެއެވެ. މި އެޕްގެ އައު ވަރޝަންތައް ވަރަށް އަވަހަށް ނެރެވޭނެކަމަށް ބެއިޖިންގގައި ހަރަކާތްތެރިވާ ޓެކް އެނަލިސްޓެއް ކަމަށްވާ ޕޯ ޒާއޯ އާ ހަވާލާދީ ޕޯސްޓް ރިޕޯޓެއްގައިވެއެވެ.
'ކިއުވެން' ޗެޓްބޮޓްގެ މި ކާމިޔާބީއާ އެކު، އަލިބާބާގެ ފިންޓެކް އޮނިގަނޑު ކަމަށްވާ އެންޓް ގްރޫޕްގެ އާ "ވައިބް ކޯޑިންގ" އޭ.އައި. އެޕް، 'ލިންގްގުއަންގް' ވެސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ. މި އެޕް ވަނީ އެޕަލްގެ ޗައިނާ އެޕް ސްޓޯރުގެ "ފްރީ ޓޫލް" ކެޓެގަރީގެ އެންމެ މައްޗަށް އަރައި، 2 މިލިއަނާ ގާތްކުރާ އަދަދަކަށް ޑައުންލޯޑް ހޯދާފައެވެ. ވައިބް ކޯޑިންގ އަކީ ޕްރޮގްރާމަރުންނަށް ނޫން މީހުންނަށްވެސް އަމިއްލަ ސޮފްޓްވެއަރ އެޕްތައް އުފެއްދުމުގެ ފުރުސަތު ދޭ ޓެކްނޮލޮޖީއެކެވެ. އެންޓް ގްރޫޕް އިން މި އަހަރު އޭ.އައި. އަށް ދޭ ސަމާލުކަން ވަނީ އިތުރުކޮށްފައެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ލާޖް ލެންގުއޭޖް މޮޑެލް 'ބެއިލިންގ' އަޕްގްރޭޑްކުރުމާއި، އޭ.އައި. ބޭނުންކޮށްގެން ހެދިފައިވާ ސިއްހީ އުފެއްދުންތައް ތައާރަފުކުރުން، އަދި އެ ކުންފުނީގެ ރޮބޮޓިކްސް ޔުނިޓް 'އެންޓް ލިންގްބޯ ޓެކްނޮލޮޖީ' އިން 'އާރް1′ ހިއުމަނޮއިޑް ރޮބޮޓެއް ދައްކާލުން ހިމެނެއެވެ.

