ދުނިޔޭގެ ތިމާވެއްޓަށް ހެޔޮ އަސަރުކުރާނެ އަދި ހެޔޮ އަގުގައި ލިބޭ ކާނާގެ ބާވަތެއް އުފެއްދުމުގެ މަސައްކަތުގައި، ޗައިނާގެ ސައިންސްވެރިންވަނީ ފަންގަސް ބޭނުންކޮށްގެން ކުކުޅު މަހަށް ވައްތަރު އެހެން ބާވަތެއް އުފައްދާފައެވެ. މި ހޯދުންތައް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މިއީ އީޖާދީ އާ ހައްލެކެވެ.
މި ސައިންސްވެރިން ބޭނުންކޮށްފައިވަނީ ވަކި ބާވަތެއްގެ ފަންގަހެކެވެ. އެ ފަންގަހުގެ ޖެނެޓިކް ހާލަތަށް ބަދަލުތަކެއް ގެނެސްގެން، ކުކުޅު މަހުގެ ބައްޓަމާއި ރަހައާ ވަރަށް ގާތްކުރާ، ޕްރޮޓީންއިން މުއްސަނދި ބާވަތެއް އުފައްދާފައިވާ ކަމަށްވެއެވެ. މިއީ ތިމާވެއްޓަށް ފައިދާހުރި، ހެޔޮ އަގެއްގައި ލިބޭނެ ގޮތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރިޕޯޓުތަކުން ދައްކާގޮތުގައި، ދުނިޔޭގެ ޖައްވަށް ދޫކުރެވޭ ގްރީންހައުސް ގޭހުގެ 14 އިންސައްތައަކީ ދަނޑުވެރިކަމާއި، ޚާއްސަކޮށް ދިރޭތަކެތި ގެންގުޅޭ ދަނޑުވެރިކަމުން ދޫކުރެވޭ ގޭސްތަކެވެ. އަދި މިކަމަށް ބޮޑެތި ބިންތަކާއި ގިނަ އަދަދެއްގެ ފެން ބޭނުންކުރަން ޖެހެއެވެ. ނަމަވެސް، ފަންގަސް ނުވަތަ ޔީސްޓުން އުފައްދާ ޕްރޮޓީންއަކީ ތިމާވެއްޓަށް މާ ރަނގަޅު އެއްޗެއް ކަމަށް ބެލެވެއެވެ. ނަމަވެސް މިހާތަނަށް މި ބާވަތްތަކުން ކާނާއަށް ބޭނުންކުރެވޭ "މަސް" އުފެއްދުމަކީ ދިމާވެފައިވާ ގޮންޖެހުމެކެވެ.
ސައިންސްވެރިން ވަނީ "ފުސޭރިއަމް ވެވެނަޓުން" ކިޔާ ފަންގަހެއްގެ ޖީނޯމް އެޑިޓްކޮށް، އެއްވެސް އިތުރު ޑީއެންއޭއެއް ބޭނުންނުކޮށް ، އޭގެ ޕްރޮޓީން އުފެއްދުމުގެ ގާބިލިއްޔަތުކަމާއި، ހަޖަމުކުރުން އިތުރުކޮށްފައެވެ. ގުދުރަތީ ގޮތުން މި ފަންގަހުގެ ޕްރޮޓީން ކުކުޅު މަހާ ވައްތަރު ނަމަވެސް، އެކަން ކުރަން ބޭނުންވާ ވަސީލަތްތައް ގިނައެވެ.
މި ދިރާސާތަކުން ދައްކާގޮތުގައި، ޖެނެޓިކް ބަދަލުތަކުގެ ސަބަބުން ފަންގަހުގެ ސެލްތަކުގެ ފާރު ތުނިވެ، ކޮންމެ ސެލްއަކުން ވެސް ގިނަ ޕްރޮޓީން އުފެއްދޭނެ ގޮތް ވަނީ ހެދިފައެވެ. އަދި އޭގެ މެޓަބޮލިޒަމް ރަނގަޅުވުމުން، ޕްރޮޓީން އުފެއްދުމަށް ބޭނުންވާ ކާނާގެ ބާވަތްތައް މަދުވެއެވެ. މި އައު ފަންގަހުން އެއް މިންވަރަށް ޕްރޮޓީން އުފެއްދުމަށް 44 އިންސައްތަ ޝުގަރ މަދުކުރެވެއެވެ. އަދި މި މަސައްކަތް 88 އިންސައްތަ އަވަހަށް ނިމޭކަމަށް ވެއެވެ.
ހަ ގައުމެއްގައި ހެދި ތިމާވެށީގެ އަސަރު ވަޒަންކުރުމުގެ ދިރާސާތަކުން އެނގޭ ގޮތުގައި، ޗައިނާގައި ކުކުޅު ދަނޑުވެރިކަމާ އަޅާ ބަލާއިރު، ފަންގަސް ބޭނުންކޮށްގެން ޕްރޮޓީން އުފެއްދުމަށް 70 އިންސައްތަ ބިމުގެބޭނުން ކުރާވަރު މަދުކުރެވެއެވެ. އަދި ފެނަށް ޖެހޭ ތިމާވެށީގެ ނުރައްކާ 78 އިންސައްތަ މަދުކުރެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ފަންގަސް މުސްތަގުބަލުގައި ޕްރޮޓީންގެ ދެމެހެއްޓެނިވި މޮޑެލްތައް ތަރައްގީކުރުމަށް ވެސް ބޭނުންކުރެވިދާނެއެވެ.

