ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އަށް މިހާތަނަށް 36 އެއާލައިނެއްގެ ޚިދުމަތް ބަދަލުކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެގޮތުން އެންމެ ފަހުން ޓާމިނަލް 1 އިން ޚިދުމަތް ދޭން ފަށާފައިވަނީ ފްރާންސްގެ ގައުމީ އެއާލައިން ކަމަށްވާ އެއާ ފްރާންސެވެ.
ޓާމިނަލް 1 އިން އެއާ ފްރާންސަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި ވަނީ ޓާމިނަލުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އެއާލައިންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫންއެވެ. މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އެއާ ފްރާންސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ހަދިޔާ ދިނުން އޮތެވެ. މީގެ އިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެއާ ފްރާންސަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017 ގައެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، އެއާ ފްރާންސާއެކު ޓާމިނަލް 1 އިން މިހާރު 36 އެއާލައިނަކަށް ޚިދުމަތް ދެމުން އަންނަ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރާ ހުރިހައި އެއާލައިނެއް އައު ޓާމިނަލަށް ބަދަލުވާނެ ކަމަށެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއަރވޭސް ވެސް އައު ޓާމިނަލްއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

