ސްކޫލް ކުދިންގެ ބޮޑު ޗުއްޓީއާއި ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް، ގައުމީ އެއާލައިން މޯލްޑިވިއަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް 3،700 އަށް ވުރެ ގިނަ ދަތުރުތައް ތާވަލުކޮށްފިއެވެ. ރާއްޖޭގެ 17 ސަރަހައްދަކަށް ކުރާ މި ދަތުރުތަކާއެކު ޖުމްލަ 197،000 އަށް ވުރެ ގިނަ ގޮނޑީގެ ޖާގަ ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ވަނީ ބައިނަލްއަގުވާމީ ދަތުރުތަކަށް ވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން، އުމްރާވެރިން އުފުލުމަށްޓަކައި އެއާބަސް އޭ330 މަރުކާގެ ފުލައިޓުގައި ސައުދީ އަރަބިއްޔާގެ ޖިއްދާއަށް 20 އަށް ވުރެ ގިނަ ދަތުރު ވަނީ ތާވަލުކޮށްފައެވެ.

މީގެ އިތުރުން، ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލްތައް ކަމަށްވާ އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން، އެ ދެ މަންޒިލަށް ކުރާ ދަތުރުތަކުގެ ތެރެއިން 10 ފުލައިޓެއް ވަނީ އޭ330 މަރުކާގެ ބޮޑު ފުލައިޓަށް އަޕްގްރޭޑުކޮށްފައެވެ. އަދި ޓްރިވެންޑްރަމާއި ކޮޗިންއަށް ހަފުތާއަކު ކުރަމުން އައި ހަތަރު ދަތުރު، މިދިޔަ ޑިސެންބަރު 19 އިން ފެށިގެން ވަނީ ފަހަކަށް އިތުރުކޮށްފައެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި ކޮންމެ ހަފުތާއަކު ކޮޗިންއަށް ކުރާ ދަތުރުތަކުގެ އިތުރުން 40 އަށް ވުރެ ގިނަ އިތުރު ދަތުރު ކުރުމަށް ވެސް ވަނީ ރާވާފައެވެ.

އޭ320 މަރުކާގެ ފުލައިޓުތަކުގައި ތައިލޭންޑުގެ ބެންކޮކާއި މެލޭޝިއާގެ ކުއާލާލަންޕޫރަށް ކޮންމެ މަންޒިލަކަށް ހަތަރު ފުލައިޓު އޮޕަރޭޓް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ސްކޫލް ބޮޑު ބަންދަކީ ފަތުރުވެރިކަމުގެ ވެސް އެންމެ ބާރުބޮޑު ދުވަސްވަރަށް ވުމުން، ރާއްޖޭގެ އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މޯލްޑިވިއަނުން ބުނީ މި ދުވަސްވަރު ފަސިންޖަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް އެ އެއާލައިނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *