ޓޫރިސްޓުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އއ. ތޮއްޑޫއަށް، ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމީ އެ ސަރަހައްދަށް އޮތް ޑިމާންޑު މިހާރު އިތުރުވަމުންދާތީއެވެ. މި ދަތުރުތަކާ އެކު، އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް މިހާރަށް ވުރެ ފަސޭހައިން އަދި އަވަހަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ބާއްވަން ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތަކުގެ ޓިކެޓެއްގެ އަގަކީ 799 ރުފިޔާއެވެ.

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމެކެވެ. އެގޮތުން، ލޯކަލް ޓޫރިޒަމް އޮތް ރަށްރަށަށް ސީޕްލޭން ދަތުރުތައް ފަށާނެކަން ރައީސް މުއިއްޒު މިދިޔަ އަހަރު ވަނީ އިއުލާން ކުރައްވައިފައެވެ.

މޯލްޑިވިއަން އިން މީގެ ކުރިން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބ. ކަމަދުއަށް ވެސް ވަނީ ސީޕްލޭން ދަތުރުތައް ފަށައިފައެވެ. ތޮއްޑޫގެ އިތުރުން ކުރިއަށް އޮތް ތަނުގައި އއ. އުކުޅަަހާއި ނ. ވެލިދުއަށް ވެސް ސީޕްލޭން ދަތުރުތައް ފެށުމަށް ވަނީ ޕްލޭން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *