މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 85،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 85،591 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 77،727 ފަތުރުވެރިންނާ އަޅާބަލާއިރު 10.01 އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އެއްދުވަހާ ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9،596 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު:
- ރަޝިއާ: 15،430 ފަތުރުވެރިން
- އިޓަލީވިލާތް: 10،833 ފަތުރުވެރިން
- އިނގިރޭސިވިލާތް: 6،729 ފަތުރުވެރިން
- ޖަރުމަނުވިލާތް: 5،098 ފަތުރުވެރިން
- ޗައިނާ: 4،070 ފަތުރުވެރިން
މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 7،000 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރާއިރު، އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އެގޮތުން 59،250 ފަތުރުވެރިން (69.2 އިންސައްތަ) ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 21،761 ފަތުރުވެރިން (25.4 އިންސައްތަ) ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވަމުންދާކަން ފާހަގަކުރައްވައި ސަރުކާރުން ވިދާޅުވީ، މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1،339 ތަނެއް ހުޅުވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޖުމްލަ 67,664 އެނދު ހިމެނެއެވެ. ސިނާޢަތަށް ލިބެމުންދާ މި ކުރިއެރުމަކީ މައި މާކެޓުތަކުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއި، ބެޑް ކެޕޭސިޓީ އިތުރުވަމުންދާތީ ލިބޭ ކުރިއެރުމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް 6,665 އެނދު ވަނީ ޚިދުމަތަށް ނެރެފައެވެ. މީގެ އިތުރުން، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން، ފަތުރުވެރިކަން ފުޅާވެފައި ނެތް އަތޮޅުތަކުގައި މި ސިނާޢަތް ތަރައްޤީކުރުމަށްޓަކައި އިތުރު ތަންތަން ތަރައްޤީކުރަން ޙަވާލުކޮށްފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

