އާސަންދަ ސްކީމުގެ ދަށުން ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިތުރުކޮށް، މިއަދުން ފެށިގެން އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.
މި ބަދަލާއެކު، މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި، އައިނު ފިހާރަތަކާއި، އަދި ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނަކުން މިހާރު އާސަންދައިގެ ދަށުން އައިނު ހެއްދޭނެއެވެ. މީގެ ބޭނުމަކީ ޕްރިސްކްރިޕްޝަން ގްލާސަސް ނުވަތަ ނަންބަރު އައިނު ހެއްދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ.
އާސަންދަ ކޮމްޕެނީން ވިދާޅުވި ގޮތުގައި، މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ކަވަރޭޖް ލިބޭނެއެވެ. އަދި އެމްޕެނަލްކުރެވިފައިވާ އައިނު ފިހާރަތަކުން ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށްވެސް މި ޚިދުމަތް ލިބިގެންދާނެއެވެ.
އާސަންދައިގެ ދަށުން އައިނު ހެއްދޭނެ ތަންތަނުގެ ތެރޭގައި ހިމެނެނީ:
- އޭޑީކޭ ހޮސްޕިޓަލް، އެޑްވާންސް އައި ކްލިނިކް، އެޑްވާންސް މެޑިކަލް ކްލިނިކް
- އެއިމްސް ޑައިގްނޯސްޓިކް ކެއަރ، އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ
- ޗިޓީ އޮޕްޓިކަލް ކްލިނިކް، އައި ކެއަރ ކްލިނިކް (މާލެ އަދި ހުޅުމާލެ ބްރާންޗް)
- އައި ކެއަރ ހޮސްޕިޓަލް (މާލެ އަދި ހުޅުމާލެ)، ފަރޫކް ހެލްތު ކެއަރ
- މަލްޑިކެއަރ، ނޫސަންދާ، ސެނަހިޔާ، ޓްރީޓޮޕް ހޮސްޕިޓަލް
- ވިޝަން ކްލިނިކް އަދި ޕަބްލިކް ހެލްތު ފެސިލިޓީތައް
ރައްޔިތުންނަށް ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރައެއްވެސް ހުޅުވާފައެވެ.
މީގެ އިތުރުން، އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީގެ މިންވަރުވެސް މި ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ކުރިން ކޮންމެ ދެ އަހަރަކުން އެއްފަހަރު ދެމުން އައި 1,000 ރުފިޔާގެ އެހީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ ސިއްހީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން އަޅުއްވަމުންދާ މުހިންމު ފިޔަވަޅެކެވެ.

