ފާމަސީތަކަށް ގޮސް ބޭސް ގަންނައިރު އެއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން މިއަދު އާންމުންނަށް ހަނދާންކޮށްދީފިއެވެ.
ބޭސް ނުލިބުމާއި ކޮލިޓީ ދަށް ބޭސް އެތެރެކޮށްގެން ވިއްކާ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖެއަށް ބޭރުން ބޭސް އެތެރެކޮށްގެން ވިއްކޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ފާމަސީތައް ރަޖިސްޓަރީ ކުރުމާއި، އެ ތަންތަނުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނަކީ ވެސް އެމްއެފްޑީއޭގެ ހުއްދަ އޮތް މީހުން ކަމުގައި ވާންޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ޚާއްޞަކޮށް، ފާމަސީތަކުގައި މަސައްކަތްކުރާއިރު ފާމަސިސްޓް އައިޑީކާޑު ނެތި މަސައްކަތްކުރުމަކީ މަނާކަމެއްކަން ފާހަގަކޮށް، ބޭސް ގަންނައިރު އަންނަަނިވި ކަންކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ:
- ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ފެންނަން ހުންނާނޭހެން ހަރުކޮށްފައިވޭތޯ ބެލުން.
- ފާމަސިސްޓެއްކަން އަންގައިދޭ ކާޑު އަޅާފައިހުރިތޯ ޔަގީންކުރުން.
- ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން.
- ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ސާފުކޮށް ލިޔެފައިވޭތޯ ބަލައި ޔަގީންކުރުން.
- ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރިކޮށްތޯ ކަށަވަރުކުރުން.
އެމްއެފްޑީއޭއިން އިތުރަށް ބުނީ، ބޭސް ވިއްކުމުގެ ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، ހުއްދަ ނެތި އެ ތަންތަނުގައި މަސައްކަތްކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއް ފާހަގަވެއްޖެ ނަމަ، އެ އޮތޯރިޓީގެ ނަންބަރު 7200321 އަށް ގުޅައި ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފައެވެ.
ރާއްޖޭގައި ބޭސް ނުލިބޭ މައްސަލަ މިފަހުން ވަރަށް ބޮޑުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި މައްސަލަ ހައްލުކުރުމަށް ބޭސް ގެނައުމުގެ ކަންކަން ބަލަހައްޓާނެ ވަކި ކުންފުންޏެއް އުފައްދަވާފައެވެ. އަދި އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ފާމަސީތަކެއް މި އާ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ބޭސް ލިބުމުގައި ހުރި ދަތިތަކަށް އަދިވެސް އެއްކޮށް ހައްލެއް ނުލިބުނު ކަމުގައި ވިޔަސް، ސަރުކާރުން ބުނަމުންދަނީ ބޭހުގެ ފެންވަރު ހިފެހެއްޓުމަށާއި، ރައްޔިތުންނަށް ބޭނުންވާ މުހިންމު ބޭސްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

