ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) މެދުވެރިކޮށް ކާގޯ އުފުލި މިންވަރު އަހަރުން އަހަރަށް 10 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ އެއަރޕޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 2025 ވަނަ އަހަރު ވީ.އައި.އޭ މެދުވެރިކޮށް ޖުމްލަ 89,163 ޓަނުގެ މުދާ ވަނީ އުފުލާފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި މުދަލުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި މުދަލާއި، ރާއްޖެއިން ބޭރުކުރި މުދަލުގެ އިތުރުން ރާއްޖެ މަގުން އެހެން ގައުމުތަކަށް އުފުލާފައިވާ ޓްރާންސްޝިޕްމެންޓް މުދާ ހިމެނެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް 66,840 ޓަނުގެ މުދާ އެތެރެކޮށްފައިވާއިރު، 23,323 ޓަނުގެ މުދާ ވަނީ ބޭރުކޮށްފައެވެ.
ކާގޯ ޚިދުމަތުން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވަނީ ޓްރާންސްޝިޕްމެންޓް މުދަލުގެ ދާއިރާއިންނެވެ. އެގޮތުން، ރާއްޖެ މަގުން އެހެން ގައުމުތަކަށް 16,372 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 22 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން 13,180 ޓަނު އުފުލާފައިވަނީ ވައިގެ މަގުންނެވެ. އަދި "ސީ-ޓު-އެއަރ" ކާގޯ ޚިދުމަތުގެ ދަށުން ކަނޑުމަގުން ގެނެސް ވައިގެ މަގުން 3,192 ޓަނުގެ މުދާ ވަނީ އުފުލާފައެވެ.
މި ކުރިއެރުމާއެކު ވީ.އައި.އޭ އަށް ދަތުރުކުރާ ކާގޯ އުޅަނދުތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު އެފްކޮމް، ފްލައި ވާޔު، އެމް ޖެޓްސް، ގަތަރު ކާގޯ، އެއަރ މާސްޓަރ، އެމް.އެން.ޖީ އެއަރލައިން އަދި ގައުމީ އެއަރލައިންތަކުން ހަމައެކަނި މުދާ އުފުލުމަށް 524 ދަތުރު ކޮށްފައިވެއެވެ. މި އޮޕަރޭޓަރުން އެކަނިވެސް 4,300 ޓަނުގެ މުދާ އުފުލާފައިވާ ކަމަށް އެއަރޕޯޓުން ބުނެއެވެ.
އެމް.އޭ.ސީ.އެލް އިން ވިދާޅުވީ ކާގޯ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޔޫ.އެލް.ޑީ ސްޓޯރޭޖް ނުވަތަ އެޕްރަން މަތީގައި މުދާ ބަހައްޓާ ސަރަހައްދު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، މުދާ ކްލިއަރ ކުރުން އަވަސްކުރުމަށްޓަކައި އިތުރު އެކްސްރޭ މެޝިންތައް ބަހައްޓައި، ޚިދުމަތްތައް އޮޓޮމޭޓް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

