ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިއީ ސަޓާ އެވޯޑް ބާއްވާތާ 10 ވަނަ އަހަރެވެ. މި މުހިންމު މުނާސަބަތާ ގުޅިގެން މިއަހަރުގެ އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. މި އެވޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ސަޓާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.

މިއަހަރުގެ އެވޯޑާއެކު ދާއިރާއަށް މުހިންމު ދެ ކެޓަގަރީއެއް އަލަށް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. އެއީ އެންމެ މޮޅު ޝެފްގެ ކެޓަގަރީއާއި އެންމެ މޮޅު ޒުވާން ހޮޓެލިއާގެ ކެޓަގަރީއެވެ. ޒުވާން ހޮޓެލިއާގެ ކެޓަގަރީއަށް ކުރިމަތިލާ ފަރާތްތަކަކީ 40 އަހަރު ފުރިފައިނުވާ ފަރާތްތަކަކަށް ވާންޖެހެއެވެ.

2016 ވަނަ އަހަރު އިފްތިތާހްކުރި ސަޓާ އެވޯޑަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް އެވޯޑެވެ. މި އެވޯޑަށް ސަރަހައްދުގެ ފަތުރުވެރިކަމާ ބެހޭ މައި 15 އިދާރާއަކުން އިތުބާރުކުރެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) އާއި، މަޓާޓޯ، އާޓާ އަދި ބޯޓިން އެސޯސިއޭޝަންގެ އިތުރުން ސްރީލަންކާގެ ހޮޓެލްތަކުގެ އެސޯސިއޭޝަން ހިމެނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ، އިންޑިއާ އަދި ނޭޕާލް ފަދަ ގައުމުތަކުގައި ބާއްވާފައިވާ މި ހަފުލާއަކީ ބޭރުގެ މީޑިއާތަކާއި ދާއިރާގެ އިސްވެރިންގެ ބޮޑު ސަމާލުކަމެއް ލިބޭ ބައިނަލްއަގުވާމީ ފެންވަރުގެ ހަރަކާތެކެވެ.

މި އެވޯޑުތަކަށް މީހުން ހޮވުމުގައި ގެންގުޅެނީ ވަރަށް ދެފުށް ފެންނަ އުސޫލެކެވެ. އެގޮތުން އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ދާއިރާގެ މާހިރުންނާއި ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލަކުން ކުރިއަށްގެންދާ ފުރިހަމަ އިވެލުއޭޝަނަކަށް ފަހުގައެވެ. މި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކޮށް، ސަރަހައްދީ ފަތުރުވެރިކަން ކުރިއެރުވުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *