އެމެރިކާގެ ނިއުޔޯކްގައި ދާދިފަހުން ކުރިއަށްދިޔަ "ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ" ގައި ދިވެހިރާއްޖެ ވަރަށް ފުޅާދާއިރާއެއްގައި އިޝްތިހާރުކޮށްފިއެވެ. މި މަހުގެ 24 އިން 25 ގެ ނިޔަލަށް ނިއުޔޯކްގެ ޖެވިޓްސް ސެންޓަރުގައި ބޭއްވި މި ހަރަކާތުގައި ރާއްޖެ އިޝްތިހާރުކޮށްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އާއި އެކުވެރި ދައުލަތްތަކަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ދާއިމީ މިޝަން ގުޅިގެންނެވެ.
އުތުރު އެމެރިކާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފޯރަމް ކަމަށްވާ މި ޝޯއަށް 20،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ. މީގެ ތެރޭގައި ދުނިޔޭގެ މަގުބޫލު ޓްރެވަލް އެޑްވައިޒަރުންނާއި ބައިނަލްއަޤްވާމީ މީޑިއާތައް ހިމެނެއެވެ. ވީ.އެމް.ސީން ފާހަގަކުރި ގޮތުގައި، މިއީ މަތީ ފަންތީގެ ތަޖުރިބާތަކަށް ޝައުގުވެރިވާ އެމެރިކާގެ ފަތުރުވެރިންނާ ސީދާ ގޮތެއްގައި ގުޅުން ބަދަހިކުރުމަށް ލިބުނު ރަން ފުރުޞަތެކެވެ.
މި ހަރަކާތުގެ ތެރެއިން ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މަޢުލޫމާތުތައް ޒިޔާރަތްތެރިންނަށް ފޯރުކޮށްދީފައިވެއެވެ. އަދި އެމެރިކާ މާކެޓުގެ ފަތުރުވެރިން ބޭނުންވާ ކަންކަން ދެނެގަތުމަށް ޚާއްޞަ ސާވޭއެއް ކުރިއަށް ގެންދިއުމުގެ އިތުރުން، ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ގުރުވަތު ނަގައި އަގުހުރި އިނާމުތަކެއް ވަނީ ދީފައެވެ.
ޝޯގެ ތެރެއިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއަށް އޮތް މަޤްބޫލުކަމާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު 47,891 ފަތުރުވެރިން އައިއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 66,443 އަށް މައްޗަށް ގޮސްފައެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމުން ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ، ތަފާތު ތަޖުރިބާތަކެއް ލިބޭ މަންޒިލެއްގެ ގޮތުގައި އޮތް އޮތުން އިތުރަށް ހަރުދަނާވެ، އެމެރިކާގެ ފަތުރުވެރިކަމުގެ ސިނާޢަތާ އޮތް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

