ވޯލްޑް ބޭންކް ގްރޫޕްގެ މެންބަރެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ސްރީލަންކާގެ އަމިއްލަ ވިޔަފާރީގެ ދާއިރާ ވަރުގަދަކުރުމަށްޓަކައި 166 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމެއް އިއުލާންކޮށްފިއެވެ.

މި އިންވެސްޓްމަންޓަކީ ސްރީލަންކާގެ އިގްތިސާދު ހަމަޖެހުމަކަށް ގެނައުމަށްފަހު، ދެމެހެއްޓެނިވި ކުރިއެރުމަކަށް ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގާ ހައި-އިމްޕެކްޓް ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ ތެރެއިންވެސް އަންހެނުން ހިންގާ ވިޔަފާރިތަކަށާއި ދަނޑުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ސްރީލަންކާގެ އިގްތިސާދަށް ބަލާއިރު، އެ ގައުމުގެ ވިޔަފާރިތަކުގެ 75 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އަދި ވަޒީފާގެ ބާޒާރުގެ 45 އިންސައްތަ ހިއްސާކުރަނީ މި ދާއިރާއިންނެވެ. ނަމަވެސް، ލޯނު ފަދަ މާލީ ވަސީލަތްތައް ލިބުމުގައި ހުރި ދަތިތަކަކީ މި ވިޔަފާރިތައް ފުޅާކުރުމަށް އޮތް ބޮޑު ހުރަހެކެވެ.

އައިއެފްސީގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ގްރޫޕްގެ ރީޖަނަލް އިންޑަސްޓްރީ ޑައިރެކްޓަރު އެލަން ފޯލްމޫ ވިދާޅުވި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ސްރީލަންކާގެ އިގްތިސާދުގެ މައިބަދައެވެ. އަދި އިގްތިސާދީ ދަތި ދަނޑިވަޅުތަކުގައި، އަމިއްލަ އިންވެސްޓަރުން ފަސްޖެހޭ ވަގުތު އައިއެފްސީން އިސްނަގައިގެން މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަންގެ މުހިންމު ދައުރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލީ އެހީތެރިކަމުގެ އިތުރުން، ޑިޖިޓަލް ބޭންކިންގް ނިޒާމުތައް ޒަމާނީ ކުރުމަށާއި، ސަޕްލައި ޗެއިން ފައިނޭންސްގެ ނިޒާމުތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް އައިއެފްސީން ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން އެކަށީގެންވާ މާލީ އެހީތެރިކަން ނުލިބި ތިބި ވިޔަފާރިތަކަށް ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

އައިއެފްސީއަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ މާކެޓްތަކުގެ އަމިއްލަ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ތަރައްގީގެ އިދާރާއެވެ. އެ އިދާރާއިން ދަނީ 100 އަށްވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި އާ ފުރުސަތުތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *