ޗައިނާއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި އުސޫލުން ޖައްވީ ފަތުރުވެރިކަން ކުރިއަރުވައި، އެ ދާއިރާއިން އެމެރިކާއަށް ވަރުގަދަ ގޮންޖެހުމެއް ކުރިމަތިކުރުމަށް ނިންމައިފިއެވެ. ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުގެ ޖައްވީ ޕްލޭންތައް އަވަސްކޮށް، ހައި-ޓެކް ދާއިރާތަކުން ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

މިކަން ހާމަކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ކޮންޓްރޯލް އޮންނަ 'ޗައިނާ އެއަރޯސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން' އިންނެވެ. އެ ކުންފުނިން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ސަބްއޯބިޓަލް ޖައްވީ ދަތުރުތައް ފަށައި، މަޑުމަޑުން އޯބިޓަލް ޖައްވީ ފަތުރުވެރިކަން ތަރައްގީކުރާނެއެވެ. މީގެ އިތުރުން، ޖައްވީ ދާއިރާގައި ބޭނުންކުރާނެ ބޮޑު "ޑިޖިޓަލް އިންޓެލިޖެންސް އިންފްރާސްޓްރަކްޗާއެއް" ބިނާކުރުމަކީ ވެސް އެ ކުންފުނީގެ އަމާޒެކެވެ.

ޖައްވީ ދާއިރާގައި އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަން ދަނީ އިތުރުވަމުންނެވެ. ދެ ގައުމުން ވެސް މަސައްކަތް ކުރަމުންދަނީ މަދަނީ އޭވިއޭޝަން ދާއިރާ ފަދައިން ޖައްވީ ދަތުރުފަތުރު ވިޔަފާރި އުސޫލަށް ބަދަލުކުރުމަށާއި، އަސްކަރީ ގޮތުން ޖައްވުގައި ބާރުގަދަކުރުމަށެވެ. ސީއޭއެސްސީ ގެ ދުރު ރާސްތާގެ ތަސައްވަރަކީ 2045 ވަނަ އަހަރާ ހަމައަށް ދާއިރު، ޗައިނާއަކީ ޖައްވީ ކަންކަމުގައި ދުނިޔޭގެ އެންމެ ކުރީގައި އޮތް ބާރަށް ހެދުމެވެ.

މި އަމާޒަށް ވާސިލުވުމަށް ޗައިނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާގެ ސްޕޭސް އެކްސް ކުންފުނިން މިހާރު ވެސް ބޭނުންކުރަމުންދާ ފަދަ، އަލުން ބޭނުންކުރެވޭ ރޮކެޓްތައް ތަރައްގީކުރުމެވެ. މިފަދަ ރޮކެޓްތަކުގެ ސަބަބުން ޖައްވީ ދަތުރުތަކުގެ ހަރަދު ކުޑަވެ، ގިނަގިނައިން ދަތުރުތައް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް، 2025 ވަނަ އަހަރު ޗައިނާއިން ވަނީ ރެކޯޑް އަދަދަކަށް (ޖުމްލަ 93 ފަހަރު) ޖައްވަށް އުޅަނދުތައް ފޮނުވައި، މި ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ސެޓެލައިޓް ނިޒާމުތަކަށް ބަލާއިރު، އެމެރިކާގެ 'ސްޓާލިންކް' ނިޒާމާ ވާދަކުރުމަށް ޗައިނާއިން ދަނީ އަމިއްލަ ނިޒާމެއް ތަރައްގީކުރަމުންނެވެ. ކުރިއަށް އޮތް 14 އަހަރު ތެރޭގައި 200,000 ސެޓެލައިޓް ޖައްވަށް ފޮނުވުމަށް ޗައިނާއިން ވަނީ ރާވާފައެވެ.

ޖައްވީ އިލްމު އުނގަންނައިދިނުމަށްޓަކައި ޗައިނާއިން ވަނީ އެ ގައުމުގެ ފުރަތަމަ 'ސްކޫލް އޮފް އިންޓަސްޓެލާ ނެވިގޭޝަން' ވެސް ހުޅުވާފައެވެ. މި މަރުކަޒުން ޖައްވީ އުޅަނދުތައް ދުއްވުމާއި، ޖައްވީ ވަސީލަތްތައް ހޯދުމުގެ ދާއިރާއިން ތަޖުރިބާކާރުން ތަމްރީނު ކުރާނެއެވެ. މީގެ އިތުރުން، ހަނދުގެ ދުރު ފަރާތުން ސާމްޕަލް ހޯދުމަށް ކުރިއަށް ގެންދިޔަ 'ޗޭންގް-6′ މިޝަނުގެ ކާމިޔާބީއާއެކު، ޗައިނާ ފެންނަނީ ޖައްވީ ރޭހުގައި އެމެރިކާއަށްވުރެ ބާރުމިނުގައި ކުރިއަރަމުންދާ ގައުމެއްގެ ގޮތުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *