ދުނިޔޭގައި މިހާތަނަށް ބަނދެފައިވާ އެންމެ ބޮޑު ކާރު އުފުލާ ބޯޓު ޗައިނާގެ ގުއަންޒޯ ޝިޕްޔާޑް އިންޓަރނޭޝަނަލް އިން ބަނދެ ފުރަތަމަ ފަހަރަށް މޫދަށް ބާލައިފިއެވެ.
ޗައިނާ ސްޓޭޓް ޝިޕްބިލްޑިންގ ކޯޕަރޭޝަންގެ ދަށުން ހިންގާ މި ކުންފުނިން މި ބޯޓު ބަނދެފައިވަނީ ދެކުނު ކޮރެއާގެ މަޝްހޫރު ޝިޕިންގ ކުންފުންޏެއް ކަމަށްވާ އެޗް.އެމް.އެމް އަށެވެ. ދިގުމިނުގައި 230 މީޓަރު ހުންނަ މި ބޯޓަކީ އެއް ފަހަރާ 10،800 އުޅަނދު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބިޔަ އުޅަނދެކެވެ.
މި ބޯޓުގެ އެންމެ ހާއްސަ އެއް ކަމަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވުމެވެ. އެގޮތުން "ޑުއަލް ފިއުލް އެލް.އެން.ޖީ" ޓެކްނޮލޮޖީ ބޭނުންކުރާ މި ބޯޓަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ ޓިއަރ 3 މިންގަނޑުތަކަށް ފެތޭ ބޯޓެކެވެ. މީގެ ސަބަބުން، ވަކި ހާއްސަ ސަރަހައްދުތަކުގައި ބޯޓުން ބޭރުކުރާ ނައިޓްރޯޖަން އޮކްސައިޑްގެ މިންވަރު 80 އިންސައްތައަށް ދަށްކޮށްދެއެވެ.
މި ބޯޓުގައި ޖުމްލަ 14 ޑެކް ހިމެނޭއިރު، މީގެ ތެރޭގައި އާދައިގެ ޕެޓްރޯލް ކާރުތަކާއި، އިލެކްޓްރިކް އުޅަނދުތަކާއި، ހައިޑްރޮޖަން އިން ދުއްވާ އުޅަނދުތަކުގެ އިތުރުން ބަރު މުދާ އުފުލާ ލޮރީ ފަދަ އުޅަނދުތައްވެސް އުފުލޭނެއެވެ.
މި ބިޔަ ބޯޓު ބަނދެ ނިންމުމަކީ ދުނިޔޭގެ ބޯޓުފަހަރު ބަނުމުގެ ސިނާއަތުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާކަމުގެ ހެއްކެކެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުޅަނދުފަހަރު އެކްސްޕޯޓްކުރުމުގައި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް މާހިރުން ދެކެއެވެ.

