އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ހިމަނައިގެން ޚާއްޞަ 1 ޑޮލަރުގެ ފައިސާފޮތިތަކެއް ނެރެފިއެވެ. މިއީ އެމެރިކާގެ މުއައްސަސާތަކުގައި ޓްރަމްޕްގެ ޒާތީ ނުފޫޒާއި ސިއްކަ ޖެހުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އެޅުއްވި އެންމެ ފަހުގެ ފިޔަވަޅެވެ.

ބުދަ ދުވަހު ޔޫއެސް މިންޓުން ތަޢާރަފުކުރި މި ފައިސާފޮތީގައި ޓްރަމްޕްގެ ސޫރައިގެ އިތުރުން "ލިބަރޓީ" އަދި "އިން ގޯޑް ވީ ޓްރަސްޓް" މި ޢިބާރާތްތައް ހިމަނާފައިވެއެވެ. ޔޫއެސް މިންޓުން ބުނި ގޮތުގައި މި ފައިސާފޮތިތަކަކީ ޢާންމުކޮށް ބާޒާރުގައި ދައުރުކުރުމަށް ނެރުނު އެއްޗެއް ނޫން ނަމަވެސް، ޤާނޫނީ ގޮތުން މުޢާމަލާތްތަކުގައި ބޭނުންކުރެވޭނެ އެއްޗެކެވެ.

އާންމު ގޮތެއްގައި އެމެރިކާގެ ފެޑެރަލް ޤާނޫނު ބުނާގޮތުން ދުނިޔޭގައި ހުރި އެއްވެސް ވެރިއެއްގެ ސޫރަ އެ ޤައުމުގެ ފައިސާގައި ބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް، މި ފަހަރު މިކަން ކޮށްފައިވަނީ 250 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފާސްކޮށްފައިވާ ޚާއްޞަ ޤާނޫނީ މާއްދާއެއްގެ ދަށުންނެވެ. އަދި 2020 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ފާސްކުރި ޤާނޫނުގައި ދިރިހުރި މީހެއްގެ ސޫރަ ފައިސާފޮތީގެ ފަހަތުގައި ޖެހުން މަނާކުރި ނަމަވެސް، ކުރިމަތީގައި ޖެހުން ސީދާ މަނާކޮށްފައި ނުވާތީ އެކަމަށްވެސް ވަނީ ރިޢާޔަތްކޮށްފައެވެ.

މި ފައިސާފޮތިތައް ވިއްކަން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫއެސް މިންޓްގެ ވެބްސައިޓުން ވަނީ ހުސްވެފައެވެ. 25 ފޮތީގެ ރޯލެއް 61 ޑޮލަރަށް ވިއްކިއިރު، 100 ފޮތީގެ ކޮތަޅެއް ވިއްކާފައިވަނީ 154.50 ޑޮލަރަށެވެ. މީގެ އިތުރުން ވޮޝިންޓަން ޑީސީގައި ހުންނަ ޔޫއެސް މިންޓް ފިހާރައިގެ ވެންޑިންގ މެޝިންތަކުން ވެސް މި ފައިސާފޮތި ވިއްކަމުންދެއެވެ.

މި ފައިސާފޮތީގައި ރަން ކުލަ ހުރި ނަމަވެސް، އޭގައި އަސްލު ރަނެއް ނުހިމެނެއެވެ. މިއީ 88.5 އިންސައްތަ ކޮޕަރ އަދި ދެން ހުރި ބައި ޒިންކް، މެންގަނީޒް އަދި ނިކަލް އެކުލެވޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ. މިންޓުން ބުނި ގޮތުގައި މިއީ ތާރީޚީ މުހިންމު މުނާސަބަތެއް ފާހަގަކުރުމަށް ތައްޔާރުކުރެވުނު، ފައިސާ އެއްކުރާ ފަރާތްތަކަށް ޚާއްޞަ އަގުހުރި އެއްޗެކެވެ.

މީގެ ކުރިން މެއި މަހު ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ޓްރަމްޕްގެ ސޫރަ ހިމެނޭ 250 ޑޮލަރުގެ ކަރުދާސް ނޫޓެއް ނެރުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި 1926 ވަނަ އަހަރު އެމެރިކާގެ 150 ވަނަ އަހަރީ ދުވަހު، އޭރުގެ ރައީސް ކެލްވިން ކޫލިޖްގެ ސޫރަ ހިމަނައިގެން ހާފް-ޑޮލަރެއް ނެރެފައިވާ ތާރީޚީ މިސާލުވެސް އޭނާ ދެއްކެވިއެވެ. މީގެ އިތުރުން، މިދިޔަ މާރިޗު މަހު ޓްރެޜަރީން ވަނީ އެމެރިކާގެ ކަރުދާސް ފައިސާގައި ވެރިކަމުގައި ހުންނެވި ރައީސެއްގެ ގޮތުން ފުރަތަމަ ފަހަރަށް ޓްރަމްޕްގެ ސޮއި ހިމަނާނެކަން ވެސް އިޢުލާނުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *