ދިވެހިރާއްޖޭގެ ޓްރެވަލް ޕްލެޓްފޯމެއް ކަމަށްވާ "ގޮޓް ޓު ގޯ މޯލްޑިވްސް" އެޕަށް އެމް-ފައިސާގެ ޚިދުމަތް ގުޅާލައިފިކަން އުރީދޫ ފިންޓެކުން އިޢުލާނުކޮށްފިއެވެ.

އުރީދޫން މަޢުލޫމާތު ދިން ގޮތުގައި، މި ގެނެވުނު ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ރޭވުމާއި، ތަންތަން ބުކް ކުރުމުގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

"ގޮޓް ޓު ގޯ މޯލްޑިވްސް" އަކީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ދަތުރުފަތުރުގެ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ އެޕެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށްޓަކައި ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ލޯންޗު އަދި އެތެރޭގެ އުދުހުންތަކުގެ ޓްރާންސްފާ ފަސޭހަކަމާއެކު ބުކް ކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ސްނޯކްލިން، ކޭމްޕިން އަދި ބޯޓު ޑައިވިން ފަދަ ތަފާތު ޙަރަކާތްތަކާއި ތަޖުރިބާތައް ބަލައިލައި، އެ ޚިދުމަތްތައް ވެސް މި އެޕް މެދުވެރިކޮށް ހޯދެއެވެ.

އެމް-ފައިސާ މި ޕްލެޓްފޯމާ ގުޅާލުމާއެކު، ބުކިންތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. އެގޮތުން، ދަތުރު ރޭވުމުން ފެށިގެން ފައިސާ ދެއްކުމާ ހަމައަށް ހުރިހާ މަރުޙަލާއެއް އެއް ޕްލެޓްފޯމަކުން ނިންމައިލުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ. މި ހުރިހާ ޚިދުމަތްތަކެއް އެއް ޑިޖިޓަލް ވިއުގައަކުން ލިބެން ހުރުމަކީ، ރާއްޖޭގެ ޤުދުރަތީ ރީތިކަން ތަޖުރިބާކޮށް، އައު ހަނދާންތައް ބިނާކުރުމަށް ދަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އުރީދޫން ފާހަގަކުރެއެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން އެމް-ފައިސާގެ ވިއުގަ އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ވިޔަފާރިތަކާއި ޕްލެޓްފޯމްތަކުގައި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެންދާނެއެވެ.

އުރީދޫ ފިންޓެކުން ބުނި ގޮތުގައި، "ގޮޓް ޓު ގޯ މޯލްޑިވްސް" ފަދަ ރާއްޖޭގެ އަމިއްލަ އުފެއްދުންތަކާ އެމް-ފައިސާ ގުޅާލުމުގެ މައިގަނޑު އަމާޒަކީ، ދިވެހި ޒުވާނުންނާއި ވިޔަފާރިތަކުގެ އީޖާދީ މަސައްކަތްތަކަށް ހިތްވަރުދީ، ޑިޖިޓަލް މުޢާމަލާތްތައް ކުރުމުގައި ރައްޔިތުންނަށް ޒަމާނީ އަދި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *