އެމްއައިބީގެ 15 އަހަރުގެ ކާމިޔާބީއާއެކު އިސްލާމީ މާލީ ނިޒާމަށް އިންގިލާބީ ބަދަލެއް

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު، މި ވޭތުވެދިޔަ ދިގު ތާރީޚުގައި ރާއްޖޭގައި ވަނީ އިސްލާމްދީނުގެ ރުކުންތަކާއި އުސޫލުތައް ހަރުދަނާކަމާއެކު ތަންފީޒުކޮށްފައެވެ. ރީތި މިސްކިތްތަކާއި، އިސްލާމީ ޔުނިވަރސިޓީގެ އިތުރުން ޤުރުއާން އުނގަންނައިދޭ އެތައް މަރުކަޒުތަކަކާއި، ޤުރުއާނާއި މަދަހަ މުބާރާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމީ ދިވެހިންގެ ހިތްތަކުގައި ދީނަށް އޮތް ލޯބި ހާމަކޮށްދޭ ކަންކަމެވެ. މީގެ އިތުރުން، މި ދިގު ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭގެ މާލީ ނިޒާމަށް ރިބަވީ މުއާމަލާތްތަކާ ނުލައި ހިންގޭނެ ނިޒާމެއް ތަޢާރަފްވެ، ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކް (އެމްއައިބީ) އުފެދިގެން ދިޔުމެވެ.

މީގެ 15 އަހަރު ކުރިން، ހަމަ މިފަދަ ތާރީޚީ ދުވަހެއްގައި އެމްއައިބީ އުފެދިގެން ދިޔައީ ދިވެހި ރައްޔިތުންނަށް އިސްލާމީ ޝަރީޢާގެ އުސޫލުން މާލީ މުއާމަލާތްތައް ހިންގުމަށް ހުޅުވުނު ފުރަތަމަ ދޮރުގެ ގޮތުގައެވެ. ބޭންކުގެ ޚިދުމަތް ފެށި ދުވަސްވަރަކީ އިސްލާމީ މާލީ ނިޒާމަކަށް ބޭނުންވާ ޤާނޫނީ އަދި އިޤްތިޞާދީ އޮނިގަނޑު އެންމެ އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި ޤާއިމުވެފައި ނެތް ދުވަސްވަރެކެވެ. ކުޑަ އާބާދީއަކާއި ކުޑަ އިޤްތިޞާދެއް އޮތް މި ޤައުމުގައި، ޒަމާނުއްސުރެ އޮތް ރިބަވީ ބޭންކިން ނިޒާމު ފަހަނައަޅައި އިސްލާމީ ބޭންކިންއަށް ފުރުޞަތެއް އޮވެދާނެތޯ އެއްބަޔަކު ސުވާލު އުފެއްދި ނަމަވެސް، ދިވެހި ރައްޔިތުން އެކަމަށް ޖަވާބު ދިނީ ބޭންކު ހުޅުވި ދުވަހު ދަމާލި ދިގު ކިއުތަކުންނެވެ.

ޚިދުމަތް ފެށި ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 316 މިލިއަން ރުފިޔާ ޑިޕޮޒިޓްގެ ގޮތުގައި އެމްއައިބީއަށް ޖަމާކުރިއެވެ. އަދި ފުރަތަމަ އަހަރު ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 487 މިލިއަން ރުފިޔާއަށް އަރާފައެވެ. އޭރު އިސްތިސްނާ، މުރާބަހާ އަދި އިޖާރާގެ އުސޫލުން ފައިނޭންސިން ދޫކުރަން ފެށި ނަމަވެސް، އިސްލާމީ އުސޫލުތަކަށް ފެތޭ މަނީ މާކެޓާއި ކެޕިޓަލް މާކެޓް އިންސްޓްރުމެންޓްތައް ނެތުމުގެ ސަބަބުން، ލިބުނު ޑިޕޮޒިޓްގެ ބޮޑު ބައެއް އެމްއެމްއޭގައި ފައިދާއެއް ނުލިބޭ ގޮތަށް ބަހައްޓަން ޖެހުނެވެ. މިއީ ބޭންކުގެ އާމްދަނީއަށާއި ލިކުއިޑިޓީ މެނޭޖްކުރުމަށް ބޮޑު ގޮންޖެހުމަކަށް ވި ނަމަވެސް، އެމްއައިބީން ވަނީ އެ ސާބިތުކަން ދަމަހައްޓާފައެވެ.

އެ ދުވަހު ކުރިމަތިވި މާލީ އަދި އުމްރާނީ ގޮންޖެހުންތަކުން އަރައިގަނެ، ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެމްއައިބީން ވަނީ ހައިރާންކުރުވަނިވި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ފުރަތަމަ އަހަރު 487 މިލިއަން ރުފިޔާގައި ހުރި އެސެޓް، 2026 ވަނަ އަހަރުގެ މެދުތެރެއަށް އައިއިރު ވަނީ %3,800 އަށްވުރެ ބޮޑު ކުރިއެރުމަކާއެކު 19 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ. އަދި ޑިޕޮޒިޓްގެ އަދަދު ވަނީ %5,032 ގެ ކުރިއެރުމަކާއެކު 16.22 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއަދު 'އެޕްލައިނައު' ޕޯޓަލްއާއި، 'ފައިސާނެޓް' އަދި 'ފައިސާ މޮބައިލްއެކްސް' ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާއެކު 218,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ އެމްއައިބީ ވަނީ، ޒަމާންވީ އެހެން ބޭންކުތައް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ބޭންކުގެ މަޤާމު ހޯދާފައެވެ.

ރާއްޖެ އިސްލާމްވި ތާރީޚީ މުނާސަބަތާ ގުޅުވައިގެން ފެށި މި ބޭންކިން ދަތުރަށް 15 އަހަރު ފުރިގެން ދިޔައިރު، މިއީ ދިވެހިންގެ ހިތްތަކުގައި އިސްލާމީ އުސޫލުތަކަށް އޮތް އިތުބާރާއި ލޯބި ސާބިތުކޮށްދިން އަގުހުރި ހެއްކެކެވެ. އަދި މިއީ ކުރިމަގުގައި ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު އިތުރަށް ފުޅާވެ، އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ އުއްމީދީ އަލިގަދަ ނިޝާނެކެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *