ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހާދިސާތައް ދެނެގަނެ، އެކަކު އަނެކަކަށް މައުލޫމާތު ހިއްސާކުރާނެ ހާއްސަ ނިޒާމެއް (ނޮޓިފިކޭޝަން މެކޭނިޒަމް) ގާއިމުކުރުމާ ގުޅޭގޮތުން އެމެރިކާއާއި ޗައިނާގެ އިސް އޮފިޝަލުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އަދި ޗައިނާގެ ވައިސް ޕްރިމިއާ ހީ ލިފެންގްއާ ދެމެދުގައެވެ.
މަޝްވަރާތަކަށްފަހު އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބެސެންޓް ވިދާޅުވީ، ދުނިޔޭގައި އޭއައި ޓެކްނޮލޮޖީގައި އެންމެ ކުރީގައި އުޅޭ ދެ ގައުމުގެ ދެމެދުގައި ދެފުށް ފެންނަ ގޮތެއްގައި މައުލޫމާތު ބަދަލުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ މި ހަފުތާގެ ފަހުކޮޅު ވޮޝިންޓަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބާއްވަވަން ހަމަޖެހިފައިވާ ސަމިޓުގެ ކުރިންނެވެ. ބެސެންޓް ވިދާޅުވި ގޮތުގައި މި މަޝްވަރާތަކަކީ އެމެރިކާގެ އިގުތިސާދީ މަސްލަހަތު ހިމާޔަތްކޮށް، އެމެރިކާގެ ރައްޔިތުންނަށް ފައިދާހުރި ނަތީޖާއެއް ހޯދައިދިނުމަށް ރައީސް ޓްރަމްޕަށް މަގުފަހިކޮށްދިނުމަށް އެޅުނު މުހިންމު ބިންގަލެކެވެ.
އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ދިރާސާކުރާ ފަރާތްތަކުންނާއި މި ދާއިރާގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށް، މި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ފަރުވާތެރިވުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި ވަނީ މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ނަމަވެސް، ރައީސް ޓްރަމްޕް ވަނީ އޭއައިގެ ތަރައްގީ މަޑުޖައްސާލުމަށް ގޮވާލާ ގޮވާލުންތަކަށް ދެކޮޅުހައްދަވައި، އޭއައިގެ ވާދަވެރިކަމުގައި ޗައިނާއަށް ވުރެ އެމެރިކާ ކުރިހޯދަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކާއި ޓެރިފް ކުޑަކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ދެ ގައުމުގެ ދެމެދުގައި ޓެރިފް ހަނގުރާމަ މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ނޮވެމްބަރު 10 ވަނަ ދުވަހަށް ހަމަވާނެއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ، ޝިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އިގުތިސާދީ އަދި ވިޔަފާރީގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ފުން އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ.

