އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ރައްޓެހިންނާއި އާއިލާގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ފަސޭހަ މަގެއް ދައްކައިދޭ "ޓެކްސްޓް އަ ކޮފީ" ޚިދުމަތް ތައާރަފުކޮށްފިއެވެ.

މި ޚިދުމަތަކީ އުރީދޫގެ ކަސްޓަމަރުންނަށް، އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް ކޮންމެ ވަގުތަކުވެސް ކެއުމެއް ނުވަތަ ބުއިމެއް "ޓްރީޓް" އެއްގެ ގޮތުގައި ފޮނުވޭނެ ފަސޭހަ ނިޒާމެކެވެ. އުރީދޫން ބުނި ގޮތުގައި، ރައްޓެހިންނާއެކު ކޮފީއަކަށް ދާން ބުނެފައި ނުދެވޭ ހާލަތްތަކުގައި ނުވަތަ މީހަކަށް ކުއްލި ސަޕްރައިޒެއް ދިނުމަށް މި ޚިދުމަތަކީ ވަރަށް ބޭނުންތެރި ވަސީލަތެކެވެ.

މަޖާ އަދި ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ މި ޚިދުމަތުގެ އެންމެ ހާއްސަ އެއް ކަމަކީ، އުރީދޫ ކަސްޓަމަރުން ފޮނުވާ މި "ޓްރީޓް" ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށް ވެސް ފޮނުވޭނެ ގޮތަށް ހަމަޖެހިފައި އޮތުމެވެ.

ޚިދުމަތް ބޭނުންކުރާނެ ގޮތް

އުރީދޫން ބުނީ، މި ޚިދުމަތް މެދުވެރިކޮށް ހަދިޔާއެއް ފޮނުވުމުން، އެ ހަދިޔާ ލިބޭ މީހަކަށް އެކަމުގެ ތަފުސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސްއަކާއެކު ޔުނިކް ޓްރާންސެކްޝަން ކޯޑެއް ލިބޭނެ ކަމަށެވެ. އެއަށްފަހު، އެ ޚިދުމަތުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނޭ ކެފޭ ނުވަތަ ރެސްޓޯރެންޓަކަށް ގޮސް އެ ކޯޑު ހިއްސާކުރުމުން، ވަރަށް ފަސޭހަކަމާއެކު އެ ހަދިޔާގެ ރަހަ ބަލައިލެވޭނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ޚިދުމަތުގައި މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ހިމެނެ އެވެ.

"ޓެކްސްޓް އަ ކޮފީ"އަކީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫން ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ހަރަކާތެއްކަން އެ ކުންފުނިން ފާހަގަކުރިއެވެ. ސަޕްރައިޒް ޓްރީޓެއް ފޮނުވާލައިގެން އެ ޚިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ ސުޕަ އެޕް ނުވަތަ އުރީދޫގެ ވެބް ޕޯޓަލް މެދުވެރިކޮށް ވެސް، ޓެކްސްޓް އަ ކޮފީ ޚިދުމަތް ހޯދޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *